Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

"ފަރުވާއަށް ހުރަސްއަޅާ މީހުން ﷲ ގެ ހަޟްރަތުގައި ޖަވާބު ދާރީވާން ޖެހޭނެ"

ކުށެއް ނެތް އިންސާނަކު ހައްޔަރުކޮށްގެން އޭނާ ބަލިވީމާ ބޭސްކޮށް ނުދީ ގެންގުޅޭ މީހުން ﷲގެ ހަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޟް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް ވިދާޅުވެފައިވާ ގޮތުގައި، ވަޒީފާގެ ސަބަބުން ކަމަށް ބުނެ އެފަދަ ޖަރީމާތަކުގައި ބައިވެރިވާ މީހުން ވެސް އެމީހުން ކުރާކަންކަމާ މެދު ﷲގެ ހަޟްރަތުގައި ޒިންމާ އުފުލަން ޖެހޭނެއެވެ.

"ބަންދުގައި ތިބޭ ބޮޑެތި ކުށްވެރިންނަށް ވެސް ވެސް އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭއިރު ކުށެއް ނެތް އިންސާނަކު ހައްޔަރުކޮށްގެން ބަލިވީމާ ބޭސްކޮށްނުދީ ގެންގުޅޭ މީހުން ﷲ ގެ ހަޟްރަތުގައި ޖަވާބު ދާރީވާން ޖެހޭނެކަން ކަށަވަރެވެ. އަދި ވަޒީފާގެ ސަބަބުން ކަމަށް ބުނެ އެފަދަ ޖަރީމާތަކުގައި ބައިވެރިވާ މީހުން ވެސް އެމީހުން ކުރާކަންކަމާ މެދު ﷲގެ ހަޟްރަތުގައި ޒިންމާ އުފުލަން ޖެހޭނެއެވެ."

ރާއްޖޭގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަރާތްތަކަށް ބޭސް ފަރުވާ ނުދޭ ކަމުގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށް ޑރ. އިޔާޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މަސްކެއުމަށްޓަކައި ގެންގުޅޭ ނައަމްސޫފިތަކާއި އެހެނިހެން ބޭނުންތަކަށް ގެންގުޅޭ ޖަނަވާރުތަކަށް ވެސް އޯގާތެރިވުމަށް އިސްލާމްދީނުގައި އަމުރުކުރައްވާފައިވާ ކަމަށެވެ.

"ބުޅަލެއް ހައްޔަރުކޮށްގެން އެސޮރު މަރުވަންދެން ކާން ނުދީ ހިފެހެއްޓި މީހަކު އެކަމުގެ ސަބަބުން ނަރަކަޔަށް ވަންކަމަށް ހަދީސްގައި ވާރިދުވެފައިވެއެވެ"،ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއް ގެންނަވައި ޑރ. އިޔާޒް ވިދާޅުވިއެވެ.