Last Updated: June 14, 23:23
Sunday, June 14, 2026
ޚަބަރު

ވީމީޑިއާ 400،000ރ. އިން ޖުރިމަނާކޮށްފި

ވީމީޑިއާ ގްރޫޕުން ހިންގާ ވީޓީވީ އާއި ވީއެފްއެމް ހަތަރު ލައްކަ ރުފިޔާއިން ޖުރިމަނާކޮށްފި އެވެ.

ވީމީޑިއާ ގްރޫޕުން ބުނީ އެ ކުންފުނީގެ ދަށުން ހިންގާ ވީޓީވީ އާއި ވީއެފްއެމް ޖުރިމަނާ ކުރިކަން ބްރޯޑްކާސްޓިން ކަމިޝަނުން އަންގާފައިވާ ކަމަށެވެ.

ބްރޯޑްކޮމްއިން ވީމީޑިއާ ގްރޫޕް ޖުރިމަނާ ކޮށްފައިވަނީ ގުޅިފައިވާ ޕާޓީ ތަކުން މިދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ރޭ ފ. މަގޫދޫގައި ބޭއްވި ޖަލްސާއެއްގައި ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަފުޅުގައި ބޭނުން ކުރެއްވި އަކުރަކާއި ގުޅިގެން ކަމަަށެވެ.

އެހެންވެ ވީޓީވީ އާއި ވީއެފްއެމް ކޮންމެ މީޑިއާއެއް ދެ ލައްކަ ރުފިޔާއިން ވަނީ ޖުރިމަނާކޮށްފައެެވެ.

ވީމީޑިއާ އިން ބުނީ ބްރޯޑްކޮމް އިން ފިޔަވަޅު އަޅާފައިވަނީ ވީމީޑީއާ އަށް ޖަވާބުދިނުމަށް ދިން ފުރުސަތުގައި ފާހަގަކުރި ކަންކަމަށް ރިއާޔަތްކުރުމަކާ ނުލައި ކަމަށެވެ.

ވީމީޑިއާ ގްރޫޕަކީ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި ބްރޯޑްކޮމްއިން މީޑިއާ ޖުރިމަނާ ކުރިއިރު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާޓީގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އެކި ފަހަރުމަތިން މީޑިއާގައި ވީޓީވީއަށް ފިޔަވަޅު އަޅަން ގޮވާލާފައިވެ އެވެ.