އެންމެ ގިނަ ރައީސުން ހައްޔަރު ކުރިކަމުގެ ރިކޯޑު ރައީސް އަބްދުﷲ ޔާމީން ހޯއްދަވައިފިކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖްލިސް މެމްބަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު ވިދާޅުވީ އެންމެ ގިނަ ރައީސުން ހައްޔަރުކޮށް، އެންމެ ގިނަ މިނިސްޓަރުން ހައްޔަރުކޮށް، އެންމެ ގިނަ މަޖްލިސް މެމްބަރުން ހައްޔަރުކޮށް، އެންމެ ގިނަ ފަނޑިޔާރުން ހައްޔަރުކޮށް، އެންމެ ގިނަ ސިޔާސީ މީހުން އަރުވާލި ރައީސަކީ ޔާމީން ކަމަށާއި ނިކަން ކެރިވަޑައިގަންނަވާނަމަ ދޮގުކުރެއްވުމަށެވެ.
Emme gina Raeesun Hayyaru kuri Raees. Emme gina Ministerun Hayyaru kuri Raees. Emme gina Mps Hayyaru kuri Raees. Emme Gina Fandiyaarun Hayyaru kuri Raees. Emme Gina Siyaasee meehun Aruvaali Raees. "Yaamin". Nikan hivvaru huriyya dhogu kobbala. @ahmed_nihan @abkhaleel
— Ali Nizar (@DhekunuNizar) February 27, 2018
ނިޒާރު ފަދަ ޓްވީޓެއް ކުރެެއްވި އިރު ރާއްޖޭގެ ތިރީސް އަހަރު ވެެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހައްޔަރުކޮށްފައެވެ. ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިން ބޭފުޅުންގެ ތެރެއިން މިވަގުތު ޖަލު ގޮޅިން ސަލާމަތް ވެވަޑައިގެން ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއެވެ.
މިނިސްޓަރުންނަށް ބަލާކަމަށްވާނަމަ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ޖަލުގައި އޮންނެވި އިރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ ޠޮލްހަތު ކަލޭގެފާނުވެސް އޮންނެވީ ޖަލުގައެވެ.
މަޖްލިސް މެމްބަރުންނަށް ބަލާނަމަ ދިއްގަރު ދާއިރާގެ މަޖްލިސް މެމްބަރ އަހުމަދު ފާރިސް އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފުގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރ އިލްހާމް އަހުމަދު އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އޮންނެވީ ޖަލުގައެވެ.
ރާއްޖޭގެ ތާރީހުގައިވެސް ސުޕުރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް ޖަލަށް ލާފައިވަނީ މި ސަރުކާރުންނެވެ. މީގެ އިތުރުން ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާން އޮންނެވީ ޖަލުގައެވެ.
މީގެ އިތުރުންވެސް މި ސަރުކާރުގެ ދެވަނަ ނައިބް ރައީސް އަހުމަދު އަދީބް އާއި، ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒުވެސް ވަނީ މި ސަރުކާރުން ޖަލަށްލާފައެވެ.
ފެބްރުއަރީ 1 2018ގައި ސުޕުރީމް ކޯޓުން ނެރުނު އަމުރަށްފަހު ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގެ އޮފިސަރުންނާއި ސިފައިންގެ އެސްޕީޖީންތަކެއް ވެސް ވަނީ މި ސަރުކާރުން ހައްޔަރުކޮށްފައެވެ. އަދި ނައިބް ރައީސް އަހުމަދު އަދީބް ހައްޔަރުކޮށް އެކަމާއި ގުޅިގެންވެސް ސިފައިންތަކެއް ވަނީ ޖަލަށްލާފައެވެ.
އަދި ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ލީޑަރ ޝެއިހް އިމްރާންވެސް ވަނީ ހައްޔަރުކޮށް ޖަލަށް ހުކުމްކޮށްފައެވެ.
އެހެންކަމުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ މިހާތަނަށް އެންމެ ގިނަ ސިޔާސީ ފަރާތްތަކާއި ފަނޑިޔާރުން އަދި މެޖިސްޓްރޭޓުން ހައްޔަރުކޮށް ޖަލަށްލާފައިވާ ރައީސެވެ.