މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ޝެޑިއުލްގައި ވާގޮތުން ފާރިސްގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ 14:30 އަށެވެ.
ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާކުރަނީ ފާރިސް ބައިވެރިވި ޕްރެސްކޮންފަރެންސެއްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ދިދަ ބޭނުންކުރި މައްސަލައެއްގައެވެ.
މިމައްސަލާގައި މީގެ ކުރިންވަނީ ދައުލަތުން ފާރިސްއާއި ދެކޮޅަށް ސިއްރު ހެކި ހުށައަޅާ ހެކިބަސް ނަގާފައިވާއިރު، ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްފައިވަނީ ޕީޕީއެމްގެ ހުއްދަ ނެތިކަމަށްބުނެ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީއެއްވެސް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށައަޅާފައެވެ.
ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިނުމާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް މިހާރުވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ.
ސްޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ފާރިސްވެސް ހިމެނިވަޑައިގަންނަވައެވެ.
ފާރިސްގެ އިތުރުން ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ވެސް ހުންނެވީ ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލުގައެވެ.