Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ވަކީލުކަމުގެ ހުއްދަ އަށް ފުރުސަތު ހުޅުވާލައިފި

ޑީޖޭއޭ - ފޮޓޯ: މިހާރު

ވަކީލު ކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހުޅުވާލައިފި އެވެ.

އެ ޑިޕާޓްމެންޓުން ނެރުނު އިޢުލާނެއްގައި ވަނީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމަށްޓަކައި މި އަހަރު ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި ހިނގާ މާޗު މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެކަމަށް އެދެން ބޭނުންވާ ފަރާތްތަކުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދުގެ ޖަދުވަލު 1 ގައިވާ "ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު" މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ޑީޖޭއޭ އަށް ހުށަހެޅުމަށް ވެސް އެ އިއުލާނުގައި ވެއެވެ.

"ޤާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު" ޑީޖޭއޭގެ ވެބްސައިޓް www.judiciary.gov.mv އަދި lawyers.mv އިން ލިބިވަޑައިގަންނަވާނެ ކަމަށްވެސް އެ ޑިޕާޓްމެންޓް އިން ބުނެއެވެ.

ވަކީލު ކަމުގެ ހުއްދަ ދެނީ ވަކީލު ކަމުގެ ހުއްދަ ދިނުމާ ބެހޭ ކޮމެޓީ އަކަށް ހުށަހެޅުމަށް ފަހު އެ ކޮމިޓީން ނިންމާ ފަރާތްތަކަށެެވެ. ކޮމިޓީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.

އެންމެ ފަހުން ވަކީލުން ހުވާ ކުރުމަށް ބޭވި ރަސްމިއްޔާތުގައި 139 ވަކީލުން ވަނީ ވަކީލު ކަމުގެ ހުވާ ކޮށްފައެވެ.