Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

"ބަންދުގައި ތިބި ފަނޑިޔާރުން ވަކި ކުރަން ފޮނުވައިދީ"

ޕީޕީއެމްއިން ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި އަބްދުއްރަހީމް ވާހަކަދައްކަނީ - ފޮޓޯ: އަވަސް

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވީހާވެސް އަވަހަށް ފަނޑިޔާރުކަމުން ވަކިކުރަންޖެހޭ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ތިއްބަވައިގެން އަބްދުﷲ ސައީދާއި އަލީ ހަމީދު ކުރެއްވި ކަންކަމުގެ ސަބަބުން އެ ކޯޓުގެ އަގު ވެއްޓި މީހުން ސުޕްރީމް ކޯޓަށް ކުރަމުން ދިޔަ އިތުބާރު ގެއްލިފައިވާ ކަމަށާޢި އެ ބޭފުޅުންގެ ސުލޫކީ މައްސަލަތައް ބެއްލެވުމަށް ފަހު އެ ބޭފުޅުން މިހާރުން މިހާރަށް ވަކި ކުރުމަށް ޖޭއެސްސީއަށް ގޮވާލާ ކަމަށެވެ.

އަދި އެހެން ނޫންނަމަ އަލުން ޝަރުއީދާއިރާއަށް އިތުބާރު ހޯދޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

އެ ފަނޑިޔާރުންނާ ކުރިމަތިވެދާނެ ހުރިހާ ކަމަކަށް އެ އަމުރުގައި ހުރަސް އަޅާފައި އޮތުމުން އެނގިގެންދަނީ އެއީ ކަނޑައެޅިގެން ބަޣާވާތެއް ގެންނަން ނެރުނު އަމުރެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ގާނޫނުއަސާސީން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަން ހަވާލުކޮށްފައި އޮންނަ މުއައްސަސާއަކީ ޖޭއެސްސީ ކަމަށާއި، ނަމަވެސް ޖޭއެސްސީ އާއި މަޖިލީހުގެ ބާރުވެސް އޮތީ ކަނޑުވާލާފައި ކަމަށްވުމުން އެ އަމުރަކީ ބަޣާވާތުގެ އަމުރެއް ކަމަށެވެ.

އަދި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްސަލަ ވީހާވެސް އަވަހަށް ބަލައި އެ ބޭފުޅުން ފަނޑިޔާރުކަމުން ވަކި ކުރަން މަޖިލީހަށް ފޮނުވައިދިނުމަށް ވަރަށް އިޙްތިރާމާއެކީ ޖުޑީޝަލް ސާވިސަސް ކޮމިޝަން އަށް ގޮވާލާ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން ސުލޫކީ މައްސަލައެއް ބަލަން ޖެހުނަސް ޖަވާބު ދާރީވުމަށް އެ ބޭފުޅުންނަށް މަހެއްހާ ދުވަސް ދޭން ޖެހެ އެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ގާނޫނަށް މިހާރުން މިހާރަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ޕީޕީއެމް އިން އިސްނަގަން ޖެހޭ ކަމަށެވެ.

ފަނޑިޔާރުންނާއި ރައީސް މައުމޫން ދޫކޮށްލައި 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަށް ބޭރުގެ ފަރާތްތަކުން ގޮވާލާ މައްސަލައަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެއީ މިހާރު ވުޖޫދުގައި ވެސް ނެތް އަމުރެއް ކަމަށާއި، އޭގެ ފަހުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު އިތުރު އަމުރުތަކެއް ނެރެ 1 ފެބްރުއަރީގެ އަމުރުގައި ހުރި އެއްވެސް ކަމަކަށް އަމަލު ނުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށެވެ.

އެހެންކަމުން ވުޖޫދުގައި ނެތް އަމުރަކަށް އެއްވެސް ބަޔަކު އަމަލު ކުރަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.