Last Updated: June 12, 22:07
Friday, June 12, 2026
ދުނިޔެ

ނިއުކްލިއާ ގޮތުން ރަޝިޔާއާ ނުކުޅެވޭނެ: ޕޫޓިން

ނިއުކްލިއާ ހަކަތަ ރަޝިޔާގައި ހުރި ފެންވަރަށް، އަދި ހުރި މިންވަރަށް ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ނުހުންނާނެ ކަމަށް އެގައުމުގެ ރައީސް، ވްލަޑިމިއާ ޕޫޓިން މިއަދު ވިދާޅުވެއްޖެއެވެ.

ގައުމުގެ ރައީސްކަމުގެ ހަތަރުވަނަ ދައުރަށް ޕުޓިން ކުރިމަތިލެއްވުމަށްފަހު ރައްޔިތުންނާ މުޚާތަބުކޮށް އެރުވި ބަޔާނުގައި ބުނެފައިވަނީ ރަޝިޔާއިން ވަނީ ދާދި ފަހުން ނިއުކްލިއާ ހަކަތައަށް އިންގިލާބެއް ގެނެސްފައި ކަމަށެވެ. އަދި އާ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޓެސްޓުކުރި ހަމަލާތަކަކީ ހުއްޓުވޭނެ ހަމަލާތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޫޓިން ބުނެފައިވަނީ އަލަށް ޓެސްޓު ކުރެވުނު ކްރޫޒް މިސައިލާއި ކަނޑު އަޑީގެ ޑްރޯން އަދި އާ ހައިޕަސޮނިކް މިސައިލަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި އެއާ ކައިރިކޮށްލެވޭނެ ވަރުގެ ހަތިޔާރެއް ނުހުންނާނެ ފަދަ ވަރުގަދަ ހަތިޔާރު ކަމަށެވެ.

ޕޫޓިން ވަނީ ނިއުކްލިއާގެ ގޮތުން ރަޝިޔާއާ އެހެން އެއްވެސް ގައުމަކަށް ކައިރި ނުވެވޭނެ ކަމަށް ފާޅުގައި ބުނެފައެވެ. ފާއިތުވެދިޔަ 15 އަހަރުގައި ނިއުކްލިއާ ގޮތުން ކުރިއަރަން މަސައްކަތް ކުރި ގައުމުތައް ވަނީ ނާކާމިޔާބު ވެފައި ކަމަށާއި ރަޝިޔާއަށް ވުރެ ކުރިއެރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލާފައެވެ.

މާޗު 18 ގައި ބޭއްވޭ އިންތިޚާބުގައި ޕޫޓިން އަނެއްކާވެސް ވާދަކުރަން ނިންމާފައިވާއިރު ޕޯލްތައް ދައްކާ ގޮތުގައި އެއީ އޭނާއަށް ފަސޭހަކަމާއެކު ކާމިޔާބުކުރެވޭނެ އިންތިޚާބެކެވެ.