މިދިޔަ އާދީއްތަ ދުވަހުގެ ރޭ ލީގު ކަޕް ފައިނަލުގައި 0-3 އިން މެންޗެސްޓާ ސިޓީ އާސެނަލް ބަލިކޮށް، ތަށި އުފުލާލުމަށްފަހު ރޭ ޕްރިމިއާ ލީގުގައި ދެ ޓީމު ބައްދަލުކުރި މެޗުވެސް ހަމަ އެ ނަތީޖާއިން ސިޓީ ކާމިޔާބުކޮށްފިއެވެ.
އާސެނަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ސިޓީއިން ވަނީ ތިން ގޯލު ޖަހާފައެވެ. ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާދިނީ 15 ވަނަ މިނެޓުގައި ބާނަޑޯ ސިލްވާއެވެ. އަދި ދެވަނަ ލަނޑު 28 ވަނަ މިނެޓުގައި ޖަހާފައިވަނީ ޑޭވިޑް ސިލްވާއެވެ.
ސިޓީގެ ފަހު ލަނޑު 38 ވަނަ މިނެޓުގައި ޖަހާފައިވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިރޮއި ސަނޭއެވެ. ފަހު ހާފުގައިވެސް ސިޓީ ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު އާސެނަލް އަށް ވަނީ ޕެނަލްޓީއެއް ލިބި، ބޭކާރުވެފައެވެ.
މިމޮޅާއެކު ސިޓީއިން ވަނީ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އަދި މިއީ މިސީޒަނުގައި ސިޓީއިން އާސެނަލް ބަލިކުރި ތިންވަނަ ފަހަރެވެ. ބައްޔާއެކު އާސެނަލް ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެ، ކޯޗު ވެންގާއާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް، ކުލަބު ދޫކޮށް ދިއުމަށް ގޮވާލާފައެވެ.