އިރާނުގައި ފުޓުބޯޅަ މެޗެއް ބަލަން ސްޓޭޑިއަމަށް ވަން އަންހެން ސަޕޯޓަރުންތަކެއް ހައްޔަރުކޮށް، ދަނޑުން ބޭރުކޮށްލައިފިއެވެ.
އިރާނުގެ ތެހެރާނަށް ނިސްބަތްވާ ދެޓީމު ކުޅުނު މެޗެއް ބަލާލުމަށް ދަނޑަށް ވަން 35 އަންހެން ސަޕޯޓަރުން ވަނީ ހިފަހައްޓާފައެވެ. ނަމަވެސް މެޗަށް ފަހު ހުރިހާ އެންމެން ވަނީ ދޫކޮށްލާފައެވެ.
އިރާނުގައި ފިރިހެނުން ފުޓުބޯޅަ ކުޅޭއިރު ދަނޑަށް މެޗު ބަލަންވެސް އަންހެނުންނަށް ނުވަދެވެއެވެ. 1979 ވަނަ އަހަރު އައި އިރާން އިންގިލާބަށް ފަހު ދަނޑަށް ވަނުން އަންހުންނަށް ވަނީ މަނާކޮށްފައެވެ.
ފީފާގެ ރައީސް ގިއާނީ އިންފަންޓީނޯ ވެސް މިމެޗު ބަލަން ދަނޑަށް ވަދެފައިވާއިރު އަންހެނުންނަށް މެޗު ބަލަން ވަދެވޭނީ ކޮން ދުވަހަކުންތޯ އޭނާއާ ވަނީ މެޗު ކަވަރު ކުރަމުން ދިޔަ ނޫސްވެރިޔަކު ސުވާލުކޮށްފައެވެ.
މިމައްސަލައާ ގުޅިގެން އިރާނުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވެފައިވަނީ އެއްވެސް ސަޕޯޓަރަކު ހައްޔަރު ނުކުރާ ކަމަށާއި އަންހެން ސަޕޯޓަރުންތަކެއް އެކަނބަލުންނާ "އެކަށޭނެ" ތަނަކަށް ބަދަލުކުރީ ކަމަށެވެ. ދާދި ފަހުން ސައުދީ އަރަބިއްޔާގައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އަންހެނުންނަށް ދަނޑަށް ވަނުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައެވެ.