Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

އީޔޫގެ ބަޔާން ދިވެހި ބަހުން އާއްމުކޮށްފި

ޔޫރަޕިއަން ޔުނިއަން (އީޔޫ)އިން ރާއްޖެ އާއި މެދު ނިންމި ނިންމުން މިއަދު ދިވެހި ބަހުން އާއްމުކޮށްފިއެވެ.

އީޔޫއިން މިއަދު ހެނދުނު ނެރެފައިވާ ދިވެހި ބަޔާނަކީ މިދިޔަ ހޯމަ ދުވަހު އެޖަމިއްޔާއިން ނެރުނު ބަޔާނުގައި ހިމެނޭ ހަތް ނުކުތާގެ ދިވެހި ތަރުޖަމާއެވެ.

އެ ގަރާރުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ހާލަތު ގޯސްވަމުންދާތީ، އެ ޖަމިއްޔާގެ ކައުންސިލުން އެކަން ބަލަމުންދާ ކަމަށާއި ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ސަލާމަތީ ހިދުމަތްތަކަށް އެކަށީގެންވާ އިމުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް ގޮވާލާ ކަމަށް ވެސް އެ ޖަމާއަތުން ގޮވާލާފައިވެއެވެ.

ސިޔާސީ ބައެއް ފަރާތްތަކުގެ މައްޗަށް ހިންގާފައިވާ ޖިނާއީ އިޖުރާއަތްތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދައި، އެ ފަރާތްތައް ވަގުތުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއް ވަނަ ދުވަހު ކުރި އަމުރަށް ވެސް އީޔޫގެ ނިންމުމުގައި ހަވާލާދީފައިވެ އެވެ. އަދި 12 މެމްބަރުންގެ ގޮނޑި އަނބުރާ ރުޖޫއަކުރުމަށް ވެސް އެ އަމުރުގައި ފާހަގަކޮށްފައި ވާތީ އީޔޫ އިން އެކަން ވެސް ފާހަގަކޮށް، އެކަންކަން ތަފީޒު ކުރުމަށް ބާރުއަޅާފައި ވެއެވެ.

އިޔޫގެ ކައުންސިލުގެ ގަރާރުގައި ވަނަ ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މަޖިލީހާއި އަދުލުއިންސާފުގެ ދާއިރާ އާންމު ހާލަތަކަށް ރުޖޫއަވުމަށާއި ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެތަންތަން މަސައްކަތް ކުރުމަށް މަގުފަހި ކޮށްދޭންޖެހޭ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ކަމާބެހޭ މުއައްސަސާތަކުން ރުޖޫއަ ކުރާނެ ކަމަށް ކައުންސިލުން އުންމީދު ކުރާ ކަމަށް ވެސް އެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ގާނޫނަށް ހުރުމަތްތެރިކޮށް ހިތައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަދުލުވެރިކަމާއެކު ޝަރީއަތް ކުރުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރަން މުއައްސަސާތަކުން މަސައްކަތް ކުރުމަށް ވެސް އީޔޫ ކައުންސިލްގެ ނިންމުގައި ގޮވާލާފައިވެއެވެ. ސިޔާސީ ބޭނުމަށް އެކި ފަރާތްތައް ހައްޔަރުކުރާކުރުން ކުށްވެރިކޮށް، އެ އެންމެހައި ސިޔާސީ ހައްޔަރީން ވަގުތުން މިނިވަން ކުރުމަށް އީޔޫ ކައުންސިލުން ސަރުކާރަށް ޝަރުތުކޮށްފައި ވަނީ އެއްވެސް ހުށަހެޅުމަކާ ނުލައެވެ.

ސުޕްރީމް ކޯޓުގެ މަސައްކަތްތައް ސަރުކާރުން ނުފޫަޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް، އީޔޫ ކައުންސިލްގެ ނިންމުގައި ބުނެފައި ވަނީ އަދަލުއިންސާފުގެ ދާއިރާ އާއި ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތައް އެ ކައުންސިލުން ކުށްވެރި ކުރާ ކަމަށެވެ.

ފަތުރުވެރިން ހިމެނޭ ގޮތަށް ރާއްޖެއަށް ޒިޔާރަތް ކުރާ އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ރައްކާތެރި ކަމަށް ކޮށްފާނެ އަސަރާމެދު ވެސް އީޔޫގެ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ. އަދި ރާއްޖޭގެ މިހާރު އޮތް ހާލަތަކީ ޑިމޮކްރަޓިކް ވެރިކަމާއި ބާރުތައް ވަކިވެފައިވާ ނިޒާމުގެ އަސާސްތަކާ އެއްގޮތްވާ ހާލަތެއް ނޫން ކަމަށާޢި ހާލަތަށް ހެޔޮ ބަދަލެއް ނާންނަނަމަ ވަކިވަކި ފަރާތްތަކާމެދު ފިޔަވަޅު އެޅުމާމެދު ވިސްނާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

އިދިކޮޅު ހުރިހާ ލީޑަރުން ހައްޔަރު ކުރުމަށްފަހު، ސަރުކާރުން މަޝްވަރާއަށް ގޮވާލާފައި ވާތީ، އީޔޫގެ ބަޔާނުގައި ބުނެފައި ވަނި އިތުބާރުހިފޭ، ދެފުށް ފެންނަ އަދި އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭ ރިޔާސީ އިންތިހާބަކަށް މަގުފަހި ކުރުމަށްޓަކާ އިދިކޮޅު އިސްވެރިންނާއެކު އިހްލާސްތެރި ކަމާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށެވެ. އެފަދަ މަޝްވަރާތަކަށް މަގުފަހި ކޮށްދިނުމަށް އދ. ކުރާ ހުރިހާ މަސައްކަތްތަކަށް އިޔޫއިން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ވެސް އެ ޖަމާއަތުގެ ނިންމުގައި ފާހަގަކޮށްފައިވެއެވެ.