މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ސުޕްރިންޓެންޑެންޓް މުހައްމަދު އާސިފް ވަޒީފާ އިން ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އާސިފް ވަޒީފާ އިން ވަކިކޮށްފައި ވަނީ އިއްޔެ އެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އާސިފް ވަޒީފާ އިން ވަކިކުރީ އެމްސީއެސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވި ކަމަށް ބުނެ އެވެ.
އޭނާ އިއްޔެ ވަޒީފާއިން ވަކިކޮށްފައި ވާއިރު، ކޮމިޝަނާ އޮފް ޕްރިޒްންސް އަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އާސިފް ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.
ސަސްޕެންޑް ކުރުމާ ހަމައަށް، އާސިފް ހުންނެވީ ހުޅުމާލޭގެ ޑިޓެންޝަންސް ސެންޓަރު ހިންގުމާ ހަވާލުވެ އެވެ. އާސިފަކީ ޖަލު ބެލެހެއްޓުމުގެ ދާއިރާ އިން މަތީ ފެންވަރުގެ ކޯސްތައް ފުރިހަމަ ކުރައްވައި، އަދި އެ ދާއިރާގައި އުޅުއްވާތާ 13 އަހަރަށް ވުރެ ގިނަ ދުވަސްވީ ބޭފުޅެކެވެ.
އާސިފް ވަޒީފާއިން ވަކިކުރުމާއި ގުޅޭގޮތުން އާސިފްވެސް އަދި އެމްސީއެސްއިންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.