ނޫސްތަކާއި ސޯޝަލް މީޑިއާގައި ލިޔާ ބައެއް ލިޔުންތަކުގައި މާތް ﷲ ގެ އިސްމުފުޅު ތާނަ އިން ލިޔާތީ އެކަން ނުކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް ތާނައަކުރުން ﷲގެ އިސްމުފުޅު ލިޔުމަކީ އަބަދުވެސް ދިވެހިންގެ ތެރެއިން ދީނީ ޢިލްމުވެރިންނާއި ސަރުކާރުތަކުން ވެސް މަނާކ ކުރަމުން އަންނަ ކަމެއް ކަމަށާއި، ﷲގެ އިސްމުފުޅު ލިޔަންވާނީ "ﷲ" މިގޮތަށް (ނުވަތަ ޢަރަބި ފޮންޓަކުން) ޢަރަބި އަކުރުން ކަމަށެވެ.
އަދި ހަމަ އެފަދައިން ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ނައްޞުތަކާއި އަދި ކީރި ރަސޫލާ ގެ ޙަދީޘްފުޅުތަކުގެ ނައްޞުތައް ވެސް ލިޔަންވާނީ ވާރިދުވެފައިވާ ގޮތަށް ޢަރަބި އަކުރުން ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މީހުންނަށް ނަންކިޔުމުގައި ﷲ ގެ އިސްމުފުޅު ހިމެނޭ ނަންތައް ކުރުކޮށްލުމަށް އެއްވެސް މާނައެއް ދޭހަނުވާ ގޮތަށް ކިޔަމުންދާ ކަން ފާހަގަކުރަމުން އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ އެއީވެސް ﷲގެ އިސްމުފުޅަށް ނަމެއް ނިސްބަތް ކުރުމުގައި ކިޔުންވެސް އަދި ލިޔުންވެސް ހުއްދަވާނެ ގޮތެއް ނޫން ކަމަށެވެ.
"ވީމާާ މި ކަންކަމަކީ އިސްލާމްދީނަށް އިހުތިރާމާއި ލޯބިކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމަކަށް ނުވާތީ، އެއްވެސް މީހަކު ލިޔާ ލިޔުމެއްގައި ﷲ ގެ އިސްމުފުޅު ތާނައިން ނުލިޔުމަށާއި އިތުރަށް މި ބަޔާން ކުރި ކަންކަމަށް ސަމާލުކަން ދިނުމަށް އާންމުކޮށް އަންގައި އިއުލާން ކުރަމެވެ،" ބަޔާނުގައިވެ އެވެ.