Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

މެމްބަރު ރިޔާޒް އާއި ޝާހިދު ވެސް ހައްޔަރު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި އެވެ.

މި ދެެބޭފުޅުން ވެސް ހައްޔަރުކޮށްފައި ވަނީ މިހާރު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ތެރެއިންނެވެ.

އެގޮތުން އަބްދުﷲ ޝާހިދާއި އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފައިވަނީ ސޯސަންމަގު ސަރަހައްދުންނެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މި އެއްވުމުގައި ދަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒްކުރުމަށް ގޮވާލަމުންނެވެ.

އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤަށް ހުރަސް ނޭޅުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ.

އެހެންނަމަވެސް މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި ބާރުގެ ބޭނުންކޮށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހާފައެވެ. އޭގެ ސަބަބުން މުޒާހަރާގެ ބައެއް ބައިވެރިންނަށް ވަނީ އަނިޔާވެފަ އެވެ.

ރިޔާޒް އާއި ޝާހިދްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ މިއަދުގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ ޔޫތު ވިންގްގެ ރައީސް މީކާއީލް ނަސީމުވެސް ފުލުހުން މިއަދުވަނީ ހައްޔަރު ކޮށްފައެވެ.