Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އިމްރާންގެ އަންހެނުންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހައިފި

ފޮޓޯ: ޓްވިޓާ

އަދާލަތު ޕާޓީގެ ރައީސް، އައް ޝެއިޚް އިމްރާން އަބްދުﷲގެ އަނބިކަނބަލުން މަރިޔަމް ރީމާގެ މޫނަށް ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖަހައިފި އެވެ.

ފުލުހުން އެކަމަނާގެ މޫނަށް ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖަހާފައި ވަނީ އިދިކޮޅު ފަރާތްތަކުން މިއަދު މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިންނެވެ.

މަންޒަރު ދުށް މީހަކު "އައްޑޫލައިވް" އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ފުލުހުން ވަނީ މަރިޔަމް ރީމާގެ މޫނަށް ވަރަށް ކައިރިން ވަރަށް ގިނައިން ޕެޕާ ސްޕްރޭ ޖަހާފައެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާގައި ވަނީ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒްކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤަށް ހުރަސް ނޭޅުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން މިނިވަން ކުރުމަށް އަމުރު ކުރި ލީޑަރުންގެ ތެރޭގައި ޝެއިޚް އިމްރާންވެސް ހިމެނި ވަޑައިގަންނަވައެވެ.