މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް، ޒްލަޓަން އިބްރަހިމޮވިޗް މިސީޒަން ނިމުމުން ކުލަބު ދޫކޮށްލާނެ ކަމަށް ޓީމުގެ މެނޭޖަރު ޖޯސޭ މޮރީނިއޯ މިއަދު ބުނެފިއެވެ.
މެންޗެސްޓާ ޔުނައިޓެޑުން ހޯމަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޮރީނިއޯ ދިން ޕްރެސް ކޮންފަރެންސުގައި ބުނެފައިވަނީ އިބްރާ ސީޒަން ނިމުމުން ކުލަބު ދޫކޮށް ދާން ނިންމާފައިވާ ކަމަށާއި ނަމަވެސް ކުޅުން ހުއްޓާލާނީތޯ ނުވަތަ އެހެން ކުލަބަކަށް ބަދަލުވާން ނިންމާނީ އިބްރަހިމޮވިޗް އަމިއްލައަށް ކަމަށެވެ.
މިދިޔަ ސީޒަނުގެ ފަހުކޮޅު އިބްރަހިމޮވިޗްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އޭނާ ވަނީ މިސީޒަނުގެ މެދުތެރެއިން ފުރަތަމަ ޓީމުން ޖާގަ ހޯދާފައެވެ. ނަމަވެސް ލިބުނު އަނިޔާގެ ސަބަބުން އިިބްރާއަށް ވަނީ ގަވާއިދުން ކުޅުމުގެ ފުރުސަތު ހަނިވެފައެވެ.
މިދިޔަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުނައިޓެޑާއި ގުޅުނު އިބްރަހިމޮވިޗް ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 44 މެޗުގައި 28 ގޯލު ޖަހާފައެވެ.