Last Updated: June 11, 06:23
Thursday, June 11, 2026

މީގެ ކުރިން ރާނީ މުކަރުޖީ ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ އެހެން ނަމަވެސް އެ ކުންފުނީގެ ފިލްމެއްގައި މަަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކަކަށް ފަހު، ޔާޝާރްޖްގެ އާ ފިލްމަކަށް ރާނީ ސޮއިކޮށްފައިވާ ކަމަށް ޔާޝްރާޖުން ކަށަވަރުކޮށް ދީފި އެވެ.

ރާނީގެ ލޯބިވެރިޔާގެ ގޮތުގައި މީޑިއާ އިން ސިފަ ކުރާ އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ބެެނާގެ ދަށުން ރާނީ އަލަށް މަސައްކަތް ފަށާ ފިލްމްގެ ޑައިރެކްޓަރަކީ ރާނީ ހިމަނައިގެން އެ ކުންފުނީގެ "ލާގަ ޗުންރީ މޭ ދާގް" ޑައިރެކްޓަރު ކުރި ޕްރަދީޕް ސަރުކާރު އެވެ.

ޔާޝްރާޖުން ބުނިގޮތުގައި "މަރުދާނީ" ގައި ރާނީ ފެނިގެން ދާނީ ފުރަތަމަ ފަހަރަށް ސިފައިންގެ މީހެއްގެ ރޯލުންނެވެ. އަދި މިއީ އެ ކުންފުނިން މިހާތަނަށް އުފައްދާ އެންމެ "ބޮލްޑް" ފިލްމަށް ވެގެން ދާނެ ކަމަށް ވެސް ޔާޝްރާޖުން ބުންޏެވެ. ރާނީ ފިޔަވައި "މަރުދާނީ" ގައި ހަރަކާތްތެރިވާ އެހެން ކާސްޓުންނާ ބެހޭ އެއްވެސް ތަފުސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ. އަދި ސިނަމާތަކަށް ފިލްމް އަންނާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

ޔާޝްރާޖަށް ރާނީ އެންމެ ފަހުން ކުޅުނު ފިލްމަކީ ޝާހިދު ކަޕޫރާ އެކު ލީޑް ރޯލް ކުޅުނު 2009 ވަނަ އަހަރު ރިލީޒް ކުރި "ދިލް ބޯލޭ ހަޑިއްޕާ" އެވެ.

އޭނާ އެ ކުންފުންޏަށް ކުޅެފައިވާ ކާމިޔާބް ފިލްމްތަކުގެ ތެރޭގައި "ވީރް-ޒާރާ"، "ބަންޓީ އޮރް ބަބްލީ" އަދި "ސާތިޔާ" ފަދަ ފިލްމްތައް ހިމެނެ އެވެ.

ރާނީގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒް ވާނީ މެއި މަހުގެ 10 ވަނަ ދުވަހު ސިނަމާތަކަށް އަންނަ "ބޮމްބޭ ޓޮލްކީޒް" އެވެ.