Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މުޒާހަރާ ރޫޅާލަން ގަދަ އަށް ޕެޕާ ސްޕްރޭ ޖަހައިފި

ފޮޓޯ: ޓްވިޓާ (އިސްމާއިލް ހަމީދު)

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މިއަދު މަޖީދީ މަގަށް ނިކުތް މީހުންގެ ތެރެއަށް ފުލުހުން މިއަދު ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖަހައި ރޫޅާލައިފިއެވެ.

އެސްއޯ ފުލުހުން މިއަދު އެއްވުން ރޫޅާލުމަށް އާދަޔާ ހިލާފު ބާރުގެ ބޭނުން ކޮށްފައިވާ އިރު ޕެޕަރ ސްޕްރޭގެ އަސަރު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ގިނަ އަންހެން ކަނބަލުންނަށެވެ.

އެގޮތުން ސުޕުރީމް ކޯޓުގެ އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ އަނބިކަބަލުން އަފާފު އަބްދުލް މަޖީދު އާއި ކޮއްކޮ މަރިޔަމް ނިއުމާގެ މޫނަށްވެސް ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖަހައިފި އެވެ.

މީގެ އިތުރުންވެސް އަދާލަތު ޕާޓީގެ ލީޑަރ ޝެއިހް އިމްރާންގެ އަނބިކަބަލުންނާއި ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅުގެ މޫނަށްވެސް ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.

ނިއުމާގެ ފިރިމީހާ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއްވެސް އިންޒާރަކާ ނުލައި ވަރަށް ކައިރިން ނިއުމާގެ މޫނަށް ޕެޕާ ސްޕްރޭ ޖެހިކަމަށެވެ.

އަދި ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކުގެ ދަށުން އިހުތިޖާޖު ކުރަނިކޮށް މައުސޫމް ރައްޔިތުންގެ މައްޗަށް ފުލުހުން ބާރުގެ ބޭނުން ކުރަނީ ޤާނޫނާއި ޚިލާފަށް ކަމަށްވެސް އިއްސެ ވިދާޅުވި އެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާގައި ވަނީ ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒްކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤަށް ހުރަސް ނޭޅުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން މިނިވަން ކުރުމަށް އަމުރު ކުރި ސިޔާސީ ފަރާތްތަކުގެ ތެރޭގައި ކާނަލް ނާޒިމް ވެސް ހިމެނި ވަޑައިގަންނަވައެވެ.