Last Updated: June 14, 23:25
Sunday, June 14, 2026
ޚަބަރު

ޗެނަލް 13 އަށް ފުރައްސާރަ ކުރުމުން ޕީޕީއެމް ފާޑުކިޔައިފި

އިދިކޮޅު ފަރާތްތަކުން މާލޭގައި ހުކުރު ދުވަހު ހަވީރު ކުރިއަށްގެންދިޔަ މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް 13ގެ ނޫސްވެރިންނަށް މުޒާހަރާގެ ބައިވެރިން ފުރައްސާރަ ކުރި މައްސަލަ ވެރިކަން ކުރާ ޕީޕީއެމްއިން ކުށްވެރިކޮށްފި އެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންނަށް ތެދު މައުލޫމާތު ގެނެސްދިނުމަށް ޗެނަލް 13ގެ ނޫސްވެރިން މަސައްކަތް ކުރަމުން ދަނިކޮށް އެ މަސައްކަތަށް ހުރަސް އަޅައި ހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އިއްޔެ އެއްވުން ކުރިއަށް ދަނިކޮށް ޗެނަލް 13ގެ ޕްރެސެންޓަރ ލަޔާލްއަށް ބަޔަކު ވަނީ ހުރަސް އަޅައި ހުތުރު ބަހުން މުއާމަލާތްކޮށްފައެވެ. ލަޔާލް އާއި އެކު އެ ޗެނަލްގެ ސީއީއޯއަށްވެސް އެފަރާތްތަކުން ވަނީ ހުރަސް އަޅާފައެވެ.

ޕީޕީއެމްއިން ނެރުނު ނޫސް ބަޔާން ޓްވީޓު ކުރައްވައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވީ "މިނިވަންކަމޭ، ނޫސްވެރިކަމޭ ކިޔައި، އަޑުގަދަ ކުރާ އިދިކޮޅު ޖަމާއަތުގެ މީހުންނަށް ވާވަރަކީ މިއީކަމަށެވެ."

ސަރުކާރަށް ތާއިދު ކުރާ ފަރާތްކުން ހިނގަމުން އަންނަ ޗެނަލް 13ގެ ނޫސްވެރިންނަށް ހުރަސް އަޅާފައިވާ އިރު ޗެނަލް 13 އާއި ދައުލަތުގެ މީޑިއާ ފިޔަވައި ރާއްޖޭގައި ދެން ހުރި ޓީވީ ސްޓޭޝަންތަކުގެ މަސައްކަތަށް ފުލުހުންން ހުރަސް އަޅާކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.