ހދ.ނޮޅިވަރަމުން ރޭ ފަތިހު ދަން ޖެހިފައި ހުއްޓާ ފެނުނު އަންހެން މީހާގެ މަރާއި މެދު ޝައްކުތަކެއް ހުރުމުން އޭނާގެ ހަށިގަނޑު އިތުރަށް ތަހްގީގު ކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ހދ. ނޮޅިވަރަން، މަންޒަރުގެ، ޝާހިދާ އަލީ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގެ ގިފިލި ތެރެއިންނެވެ، މަންޒަރު އެންމެ ފުރަތަމަ ފެނިފައިވަނީ އޭނާގެ ފިރި މީހާއަށެވެ.
މި މައްސަލައިގެ ތަހްގީގު ފުލުހުން ފަށާފައިވާ އިރު މި މައްސަލަ އާއި ގުޅިގެން ޝާހިދާގެ ފިރިމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ނަފްސާނީ މައްސަލަތަކެއް ހުންނަ ޝާހިދާ މީގެ ދެމަސް ދުވަސް ކުރިން ގެއްލިގެން ރަށު ރައްޔިތުންނާއި ފުލުހުން ނިކުމެ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ދެ ދުވަސް ފަހުން ވަލުތެރެއަށް ހަބަރު ހުސްވެގެން ވެއްޓިފައި އޮތްވަައެވެ.
މި ހާދިސާގެ ތުހުމަތު އޭނާގެ ފިރިމީހާއަށް ކުރަމުންދާކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. އަދި އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ވާކަމަށް އެރަށު މީހުން ބުނެއެވެ.
ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ފިރިމީހާ ފަތިސް ނަމާދަށް ގޮސް ގެއައަށް އައި ފަހުންކަމަށް ބުނާ އިރު އޭނާ ނަމާދަށް ދިޔަ އިރު ޝާހިދާ އޮތީ ނިދާފައިކަމަށް އޭނާ ބުނާކަމަށް އެރަށު މީހުން ބުނެއެވެ. އަދި ފަތިސް ނަމާދު ނިމިގެން އައި އިރު ޝާހިދާ ދަންޖެހިފައި ހުރި ވާގަނޑު އައްސާފައިވާ ހިސާބަކީ އެއްޗަކަށް އަރައިގެން ނޫން ގޮތަކަށް ޝާހިދާއަކަށް ނޭރޭނެކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ދެ ކުދިންގެ މަންމަ ޝާހިދާގެ ކުއްލި މަރާއިއެކު މުޅި ނޮޅިވަރަންއަށް ވަނީ ހަމަހިމޭންކަން އައިސްފައެވެ. އެމީހުން ބޭނުންވަނީ އެމަރުގެ ހަގީގަތް ބެލުމަށެވެ.