Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ތަސައްވަރު ކިލަނބުވަމުގެ އަސަރު ކުރާނީ ދިވެހިންނަށް: އާސިމް

ރާއްޖޭގެ ތަސައްވަރު ބޭރު ދުނިޔޭގައި ކިލަނބު ވަމުން އަންނަކަމަށާއި އޭގެ އަސަރު ދިވެހި ރައްޔިތުންނަށް ފޯރާނެކަމަށް ފޮރިން މިނިސްޓަރ މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްއިން ގެނެސްދިން "ހާރިޖީ ސިޔާސަތު" ޕްރޮގްރާމްގައި އާސިމް ވިދާޅުވީ ރާއްޖެ އާއި ބެހޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަ ފެތުރުމާއި ގުޅިގެން ޢެގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރަމުން އަންނަކަމަށެވެ.

އާސިމް ވިދާޅުވީ ރާއްޖެއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ މައްސަލައިގައި ތެދު ހަގީގަތް ހާމަކޮށްދޭން އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ބޭރުގެ ސަފީރުންނާއި އެކު އޮންނަ ގުޅުމުގެ ތެރެއިން ރާއްޖޭގެ ކަންކަމުގެ ތެދު މައުލޫމާތުގެ ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބިނާވެފައިވާ އިރު މި ފަދަ މައުލޫމާތުގެ ސަބަބުން ރާއްޖެއަންނަ ޓޫރިޓުންގެ އަދަދު މަދުވާނެކަމަށް އާސިމް ވިދާޅުވިއެވެ.

އާސިމް ވިދާޅުވީ ބައެއް ގައުމުތަކުން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ނެރެފައިވާ އިރު މިހާރުގެ ހާލަތު ކުރިއާ އަޅާ ބަލާއިރު ތަފާތު ކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްރަހުގައި ހިނގާ އެއްވެސް ކަމެއް ރިސޯޓްތަކުން ނުފެންނާނެ ކަމަށާއި އެތަންތަނީ އަމާން ތަންތަންކަމަށެވެ.

އާސިމް މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާ އިރު ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރާއްޖޭގައި ކުއްލި ހާލަތު އިއްލާން ކުރުމާއި ގުޅިގެން އެތައް މިލިއަން ރުފިޔާގެ ރިސޯޓް ބުކިންތައް ވަނީ ކެންސަލްކޮށްފައެވެ.