Last Updated: April 24, 20:13
Wednesday, April 24, 2024
ރިޕޯޓް

ފިޒާމް: ޝަންގްރިއްލާގެ ލޯންޑްރީ މެނޭޖަރު ވަރަށް ބިޒީ

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެކެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުން ވެސް ގިނަ އެވެ. މިއީ އޭގެ ތެރެއިން އެކެއްގެ ވާހަކަ އެވެ.

މީދު އަށް ނިސްބަތްވާ އަހުމަދު ފިޒާމަކީ މި ވަގުތު ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާގެ ލޯންޑްރީ މެނޭޖަރެވެ. އޭނާގެ ޓޫރިޒަމް ދާއިރާގެ ދަތުރު ފެށުނީ 1994 ގައި ޕެރަޑައިސް އައިލެންޑް ރިސޯޓުންނެވެ.

އޭގެ 24 އަހަރު ފަހުން އޭނާ މިއަދު އެ ހުރި މަގާމަށް އާދެވޭނީ ލައްކަ މަސައްކަތުންނެވެ. ނިކަން ހީވާގި ވެސް ވެގެންނެވެ. ފިޒާމް ވަނީ އޭނާ މިހާރު އަދާ ކުރާ މަގާމުގެ މަސްއޫލިއްޔަތުގެ އެއް ދުވަސް ހޮޓެލިއާ މޯލްޑިވްސްއާ ހިއްސާކޮށްފަ އެވެ.

އޭނާ ބުނީ ފަތިހު ހޭލައިގެން މަސައްކަތަށް ދާން ތައްޔާރުވެ، ފެރީގައި ޝަންގްރިއްލާ އަށް ނައްޓާލަނީ 6:45 ގަ އެވެ. ރިސޯޓަށް އެރުމާ އެކު ދެން މަސައްކަތް ފެށުނީ އެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ކުރަން ޖެހެނީ ހެނދުނު 9:00 ގައި ރަސްމީ ޑިއުޓީ ފެށުމާ އެކު، އޭނާ ހަވާލުވެފައިވާ ޑިޕާޓްމަންޓްގެ މަސައްކަތާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ފަށައިގަތުމެވެ. ފިޒާމްގެ ދަށުގައި 18 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

"އީމެއިލާ އެއްޗެހި ޗެކްކޮށްލައި، ދެން އޮންނާނީ ލައުންޑްރީގައި ކުރަން ޖެހޭ މަސައްކަތްތައް ފަށައިގަތުމުގެ ގޮތުން އެތަނުގެ ކަންކަން ބަލައި ޗެކް ކުރުން. ތަކެތި ހަމަތޯ މުވައްޒަފުން ނުކުމެއްޖެތޯ ބެލުން ކަހަލަ ކަންކަން އޮންނާނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ މެނޭޖަރެއްގެ ޒިންމާއަކީ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އެހެންވެ ވަރަށް ގާތުން ޓީމްގެ އެންމެންގެ މަސައްކަތް މޮނިޓާ ކުރާ ކަމަށް ބުންޏެވެ.

ލޯންޑްރީގެ މަސައްކަތަކީ ރިސޯޓްގެ ސާފުތާހިރުކަމާ ވެސް އެންމެ ބޮޑަށް ގުޅިފައިވާ މަސައްކަތެވެ. އެގޮތުން ކޮޓަރިތަކުގައި ބޭނުން ކުރާ ބެޑްޝީޓުން ފެށިގެން ގޮސް، ތުވާލި ގފަދަ ތަކެއްޗާ ހަމަައަށް ފިޒާމްގެ ލޯ ފިސާރަ ބޮޑަށް ހުޅުވައިގެން ހުންނަން ޖެހެ އެވެ. ޝަންގްރިއްލާއަކީ ފައިވްސްޓާ ރިސޯޓަކަށްވާތީ، ހުރިހާ ކަމެއް ވެސް ހުންނަން ޖެހޭނީ އެންމެ ފުރިހަމައަށެވެ. ހިދުމަތުގެ އެންމެ މަތީ ފެންވަރުގަ އެވެ.

ފިޒާމް ބުނި ގޮތުގައި އޭނާގެ ޑިޕާޓްމަންޓް އަބަދު ވެސް ވަރަށް ބިޒީ ވާނެ އެވެ. ހާއްސަކޮށް ހައި ސީޒަނުގަ އެވެ.

އަމިއްލަ ރަށާ މާ ދުރު ނޫން ރަށެއްގައި ހިންގާ ރިސޯޓްގައި ވަޒީފާ އަދާ ކުރުމަށް ފަހު، ފިޒާމަށް އެނބުރި އާއިލާ ކައިރި އަށް ކޮންމެ ދުވަހަކު ވެސް ދެވެ އެވެ. އޭނާގެ ޑިއުޓީ ނިމޭނީ އިރުއޮއްސި 6:00 ގަ އެވެ.