Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ރިޔާޒް ހައްޔަރު ކުރީ ކުއްލި ހާލަތުގެ ދަށުން

އަބްދުﷲ ރިޔާޒު، ފޮޓޯ: ރާއްޖެއެމްވީ

އިދިކޮޅު ފަރާތްތަކުން އިއްޔެ މަޖީދީމަގުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފައިވަނީ ކުއްލި ހާލަތުގެ ދަށުން ކަމަށް ފުލުހުން އަންގާފައިވާކަމަށް ރިޔާޒުގެ ގާނޫނީ ވަކީލް ވިދާޅުވެއްޖެއެވެ.

ރިޔާޒުގެ ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރުކަން ވެސް ކުރައްވަމުން އަންނަ އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފައިވަނީ ކުއްލި ހާލަތުގެ ދަށުންކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކޮށް ތުހުމަތު ކުރަނީ ކޮންކަމަކަށް ކަމަށް ފުލުހުން ނާންގާކަމަށް ހިސާން ވިދާޅުވިއެވެ.

އިއްޔެގެ މުޒާހަރާގެ ތެރެއިން މަޖްލިސްގެ ތިން މެމްބަރަކާއި 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ރިޔާޒު ހައްޔަރު ކުރީ މަޖްލިސްގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އަބްދުﷲ ޝާހިދު އާއި އެކު ސޯސަން މަގުންނެވެ. މީގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރ އަބްދުއް ލަޠީފް މުހައްމަދު ހައްޔަރުކުރީ މަޖީދީ މަގާއި ޗާނދަނީ މަގު ގުޅޭ ޖަންކްޝަން ސަރަހައްދުންނެވެ.

ހިސާން ވިދާޅުވީ އަބްދުﷲ ޝާހިދު އާއި ލަޠީފް ހައްޔަރުކޮށްފައިވަނީ އާއްމު އުސޫލުންކަމަށް ފުލުހުން ބުނެފައިވާކަމަށެވެ. އަދި އެދެބޭފުޅުންގެ މައްޗަށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުކޮށްފައިވާ ކަމަށެވެ.

އަބްދުﷲ ރިޔާޒު އަދި މިހާތަނަށް ފުލުހުންގެ ހައްޔަރަށް ގެންދެވިފައިނުވެއެވެ. އެހެންވެ މިއީ އެމަނިކުފާން ފުލުހުންގެ ބަންދަށް މިފަދަ ގޮތަކަށް ގެންދެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް އެކި ތުހުމަތުތަކުގައި ރިޔާޒު ފުލުހަށް ހާޒިރުކޮށް ދައުވާ ކުރުމަށް ފޮނުވާފައިވެއެވެ.