ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލްޣަފޫރު ލޮލަށް އަޅަމުން އައި ބޭސް އެޅުން ހުއްޓާލާފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
މިހެން ބުނެފައި ވަނީ އަދީބުގެ އަނބިމީހާ މަރިޔަމް ނަޝްވާ މިއަދު ކުރި ޓްވީޓެއްގަ އެވެ.
We have found from the lawyers meeting with Adeeb today that @Corrections_Mv have stopped giving him his prescribed eye drops. What is the intention of the government? To let Adeeb lose his sight? What exactly are ur plans? Keep in mind that u cannot treat him anyway u want!!! https://t.co/tNApLNF7cl
— Nash (@maryam_nashwa) March 3, 2018
ނަޝްވާގެ ޓްވީޓްގައި ބުނެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން އަދީބުގެ ލޮލަށް އަޅަން ޖެހޭ ބޭސް އެޅުން ހުއްޓާލާފައިވާ ކަމަށް އޭނާގެ ވަކީލުންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.
އަދި ސަރުކާރުގެ ހަޤީޤީ މަޤްސަދަކީ ކޮބައިތޯ އާއި ސަރުކާރުން ބޭނުންވަނީ އަދީބުގެ ލޮލުގެ ފެނުން ގެއްލުވާލަންތޯ ވެސް ނަޝްވާ ވަނީ ސުވާލު އުފައްދާފައެވެ.
ސަރުކާރުގެ ރޭވުމަކީ ކޮބައިތޯ ސުވާލުކުރަމުން ނަޝްވާ ބުނެފައި ވަނީ ބޭނުންހާ ގޮތަކަށް އަދީބު އާއިމެދު ކަންތަކެއް ނުކުރެވޭނެކަން ހަނދާން ކުރަން ޖެހޭނެ ކަމަށެވެ.
އަދީބުގެ ލޮލަށް ބޭސް އެޅުން ހުއްޓާލި ކަމަށް ބުނާއިރު، އޭނާގެ ލޮލަށް ގުލަކޯމާ ޖެހިފައިވާ ކަމަށް ވަކީލުންގެ ފަރާތުން ވަނީ ބުނެފައެވެ.
އަދި އޭނާ ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ހޯދުމަށް ވެސް ހުށަހަޅާފައިވެއެވެ.
މިކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން އެއްޗެއް ބުނެފައެއް ނުވެއެވެ.