Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އިތުރު ތިން ފުލުހަކު ހައްޔަރުކޮށްފި

23 ފެބްރުއަރީ 2017ގައި އިދިކޮޅު ފަރާތްތަކުން ހިތަދޫގައި ބޭއްވި އެއްވުން. މިއެއްވުމަށް ފުލުހުން ވަނީ ހުރަސް އަޅާފައި . އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

ފުލުހުންގެ ސްޕެޝަލިސް އޮޕަރޭޝަންސް ޑިޕާޓްމަންޓް(އެސްއޯ) ގައި ކުރިން މަސައްކަތް ކުރި އިތުރު ތިން ފުލުހަކު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެ ތިން ފުލުހުން ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އަދި އެ ތިން ފުލުހުންނަކީ ވެސް އެސްއޯގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް އެހެން ޑިޕާޓުމެންޓުތަކަކަށް ބަދަލުކޮށް އަތޮޅު ތެރޭގެ ބައެއް ރަށްރަށަށް ފޮނުވާލާފައިވާ ފުލުހުންތަކެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އޭގެ ތެރެއިން ދެ ފުލުހުން ހައްޔަރުކޮށްފައި ވަނީ މާލެއިން ކަމަށް ވާއިރު، ތިންވަނަ ފުލުސް މީހާ ހައްޔަރުކޮށްފައި ވަނީ އަތޮޅު ތެރޭގައި ހުއްޓާއެވެ.

އެނގިފައިވާ ގޮތުގައި އެމީހުން ވެސް ހައްޔަރުކޮށްފައިވަނީ މީގެ ކުރިން އެސްއޯ ފުލުހުންތަކެއް ހައްޔަރު ކުރި މައްސަލާގައެވެ.

މިކަމާ ގުޅޭ ތަފުސީލް މައުލޫމާތެއް އަދި ސާފުވެފައެއް ނުވެއެވެ. ފުލުހުން ވެސް މިކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.

މީގެ ކުރިން ވަނީ އެސްއޯގެ ކޮމާންޑަރުކަން ކުރި ހުސައިން ސައިފާއި އިތުރު ފުލުހުންތަކެއް ހައްޔަރުކޮށްފައެވެ.