Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މަތީ ތައުލީމަށް 560 ލޯންގެ ފުރުސަތު ހުޅުވާލައިފި

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް - ފޮޓޯ: ޓްވިޓާ (އެޑިއުކޭޝަން މިނިސްޓްރީ)

މަތީ ތައުލީމަށް ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ 560 ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހުޅުވާލައިފި އެވެ.

ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިފަހަރުގެ ލޯން ދިނުމަށް ހަމަޖެހިފައި ވަނީ އަލަށް ކިޔަވަން ފަށާ 500 ދަރިވަރުންނަށާއި މިހާރު ތައުލީމް ހާސިލް ކުރާ 60 ދަރިވަރަކަށް ކަމަށެވެ.

މިއީ ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް، ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހުރެގެން ކިޔަވަން ދޫކުރާ ލޯނެކެވެ.

ލޯނަށް އެދި ހުށައަޅާ ފޯމް 4 މާޗު 2018 އިން ފެށިގެން 22 މާޗު 2018 ގެ ނިޔަލަށް، ހެނދުނު 08:30 އިން މެންދުރުފަހު 13:30 އަށް، ވެލާނާގެ 2 ވަނަ ތަޅުމުގައި ހުންނަ ޑީއެޗްއީގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ. އަދި މި ފޯމް ޑީއެޗްއީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެ އެވެ.

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް 29 މާޗު 2018 ގެ މެންދުރުފަހު 14:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، މެނުއަލްކޮށް އެޕްލިކޭޝަން ހުށަހަޅާނީ 4 މާޗު 2018 އާއި 22 މާޗު 2018 އާއި ދެމެދު ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ.

އަދި 25 މާޗު 2018 އާއި 29 މާޗު 2018 އާއި ދެމެދު މެނުއަލްކޮށް އެޕްލިކޭޝަން ހުށަހަޅަންވާނީ ހެނދުރު 09:00 އިން މެންދުރުފަހު 14:00 އަށެވެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ދެނީ ސާކުގެ އަށް ގައުމުގެ އިތުރުން ޗައިނާ އާއި މެލޭޝިޔާ، ޕިލިޕީންސް އަދި ތައިލެންޑުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ.

މަތީ ތައުލީމު ހާސިލްކުރަން ލޯނު ދޭ ދާއިރާތަކުގެ ތެރޭގައި ޕައިލެޓް ޓްރެއިނިން އާއި ނާސިން އާއި ޓީޗިން ގެ އިތުރުން މެޑިސިން ހިމެނެ އެވެ. މީގެ އިތުރުން ސްކިލް ޝޯޓޭޖްގައި ހިމެނޭ ކޯސްތައް ހިމެނެ އެވެ.

މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެ ފަހަރަށް ލޯނަށް ހުޅުވާލަ އެވެ. މިއީ މި އަހަރު ހުޅުވާލި ފުރަތަމަ ފަހަރެވެ.

ސަރުކާރުން ވަނީ މިހާތަނަށް މަތީ ތައުލީމަށް ކިޔެވުމަށް 4،000 އަށް ވުރެ ގިނަ ފުރުސަތު ހުޅުވާލައިފަ އެވެ.