ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް އދ. މާމިގިލީ އެއާޕޯޓް ހިންގަން ދިން މުއްދަތު 99 އަހަރަށް އިތުރު ކޮށްދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އޭސީސީން މިދިޔަ ޑިސެމްބަރު މަހު ނިންމި މައްސަލަތަކުގެ ރިޕޯޓުގައިވާ ގޮތުން މާމިގިލީ އެއާޕޯޓް ހިންގުމުގެ މުއްދަތު 99 އަހަރަށް އިތުރު ކޮށްދިން މައްސަލައިގައި އެ ކޮމިޝަނުން ބެލި ބެލުމުން ކޮރަޕްޝަންގެ އަމަލެއް ހިންގައިފައެއް ނުވެ އެވެ.
މާމިގިލީ އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ވިލާ ކުންފުންޏާ އެކު 2001 ވަނަ އަހަރު ސަރުކާރުން ސޮއި ކުރިއިރު، އެ ތަން ދީފައި އޮތީ 30 އަހަރަށެވެ. އޭގެ ފަހުން، އެތަން ހިންގުމުގެ މުއްދަތު 99 އަހަރަށް އިތުރުކުރީ 2012 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އިކޮނޮމިކް ކޮމިޓީއިން ނިންމާފައިވާ ނިންމުމަކާއި އެއްގޮތް ވާގޮތުގެ މަތިންނެވެ. އެ ކޮމެޓީގައި ތިއްބެވީ ފިނޭންސް މިނިސްޓަރު – އަބްދުﷲ ޖިހާދާއި، ފިޝަރީޒް މިނިސްޓަރު – އަހުމަދު ޝަފީއާއި، ހައުސިންގް މިނިސްޓަރު – މުހައްމަދު މުއިއްޒާއި، ޓްރާންސްޕޯރޓް މިނިސްޓަރު – ޑރ މަރިޔަމް ޝަކީލާއާއި އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
ނޮވެންބަރު 2011 ގައި ހުޅުވައިފައިވާ މާމިގިލީ އެއާރޕޯޓަކީ ޤާސިމް އިބްރާހިމް އަމިއްލަ އަށް ހައްދަވާފައިވާ އެއާރޕޯޓެއްކަން ފާހަގަކޮށްވެ އެވެ.