ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.
ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެޕާޓީގެ ހުއްދަ ނެތި ބޭނުންކުރިކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާގައި މާދަމާ އޮންނާނީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތެރެއިން ހެކިބަސް ނަގާނެ ހެކިވެރިންނާ ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމެވެ.
މި މައްސަލާގައި ފާރިސްގެ ފަރާތުން 47 މީހަކު ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.
ފާރިސްއަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވާއިރު މިހާރުވެސް ފާރިސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ. ކުއްލި ހާލަތު އިއްލާންކޮށް ފާރިސް ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް މަޖްލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަމުގެ ތުހުމަތުގައެވެ.