ސުޕުރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު ތަންފީޒު ކުރުމަށް ބާރުއަޅައި މަސައްކަތް ކުރުމާއި ވެރިންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ބަޔާން ނެގުމަށްފަހު މަޖްލިސްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކު ސ. ގަމުގައި ހުންނަ ސަދަން އޭރިއާ ކޮމާންޑަށް ފޮނުވާލައިފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮނުވާލާފައިވަނީ ޕްރައިވެޓް އަފްޒާންއެވެ. އޭނާ އާއި އެކު ކޯޕްރަލް އަކާއި ސާޖެންޓަކުވެސް އެއް އަހަރު ދުވަހުގެ ޓާމަކަށް އައްޑޫއަށް ފޮނުވާލަން ނިންމިއެވެ. ނަމަވެސް އެ ދެ މީހުން ވަޒީފާއިން ކެނޑެން އެދިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އަފްޒާން ވަނީ ހުކުރު ދުވަހު ގަމަށް ބަދަލުވެފައެވެ.
މަޖްލިސްގެ ސެކިއުރިޓީގައި މަސައްކަތް ކުރި ސިފައިންގެ މީހަކު އައްޑޫއަށް ފޮނުވާލާފައިވާ އިރު ސުޕުރީމް ކޯޓުގެ އަމުރުގެ ކުރިންވެސް އަދި އަމުރަށް ފަހުވެސް މަޖްލިސް ވަށައިގެން ގިނަ އަދަދަކަށް ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުންވެސް އަމުރު ތަންފީޒު ކުރަން މަސައްކަތް ކުރި ފުލުހުންނާއި ސިފައިންގެ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލާއި ގުޅޭ ގޮތް ނުވުމުން ވަނީ ތަފްސީލެއް ލިބޭ ގޮތް ނުވެފައެވެ.