ޖަލުގައި ތިބެންޖެހޭ މީހުންގެ އަދަދަކީ ބޭރު ގައުމުތަކުގެ ސަފީރުންނަށް އެނގެންޖެހޭނެ އަދަދުތަކެއް ނޫންކަމަށް ވިދާޅުވެ އެމެރިކާއިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕްއަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އެމެރިކާގެ ސަފީރު ކެޝަޕް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ދުވަހަކު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާ ތެރެއިން ހައްޔަރުކުރާ މީހުންގެ އަދަދު ގިނަ ވެގެން ގޮސް އެހުރިހާ މީހުންގެ ރެކޯޑު ބަލަހައްޓަން ވެސް ދަތިވެފައިވާ ކަމަށެވެ.
މިވާހަކަތަކަށް ރައްދު ދެއްވައި ނިހާން ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ހައްޔަރު ކުރާ މީހުންނާއި އެމީހުން ތިބެން ޖެހޭތަނެއް ބޭރުގެ ސަފީރުންނަށް އެނގެން ނުޖެހޭ ކަމަށާއި އެއީ ރާއްޖޭގެ ކަމާއި ބެހޭ މުވައްސަސާތަކަށް ލިބިގެންވާ ބާރެއް ކަމަށެވެ.
ނިހާން ވިދާޅުވީ ބޭރުގެ ގައުމުތަކުގެ މީހުން ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަންނަން އުޅެނީ ރާއްޖޭގައި ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތު ނެތުމާއި އެއް ޖިންސުން ގުޅުން ހިންގުމަށް ފުރުސަތު ނެތުމުން ކަމަށެވެ.
"އިސްލާމް ދީނަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން. ދެ ދުނިޔޭގެ ބާއްޖަވެރިކަމުން އަޅުގަނޑުމެން ބޭރު ކުރުމަށްޓަކައި އެއްވެސް ބާވަތެއްގެ ބާރަކަށް، ހުޅަނގެއް ކީއްކުރަން، އިރުމައްޗެއް ކީއްކުރަން. އެހެން ދިމާލެއް ނޯންނާނެ. އަޅުގަނޑުމެން އެގޮތަށް ބޮލެއް ނުލަނބާނަން،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ޖަލުގައި ތިބެން ޖެހޭ މީހުންނާއި ދޫކޮށްލަން ޖެހޭ މީހުން ބޭރުގެ ސަފީރުންނަށް ނޭގޭނެކަމަށެވެ.