Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

އަޒަލް އަށް ގާލާ ރައުންޑުން ފުރުސަތު ލިބިއްޖެ

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގައި ވާދަ ކުރާ ފޭދު އަށް ނިސްބަތްވާ އަޒަލް ޒާހިރު، ޝޯގެ ގާލާ ރައުންޑުން މިރޭ ފުރުސަތު ލިބިއްޖެ އެވެ.

ޕިއާނޯ ރައުންޑަށް ދިދަ 16 ބައިވެރިންގެ ތެެރެއިން ހުކުރު ދުވަހުގެ ރޭ ލަވަ ހުށަހަޅައި ދިން ބައިވެރިންނަށް ވޯޓް ދޭން ހޮނިހިރު ދުވަހު ހަވީރު 4:00 އާ ހަމައަށް ހުޅުވާލާފައި އޮތް އިރު، އަޒަލް އަށް ގަދަ 12 އިން ޖާގަ ލިބުނީ އެންމެ މަތިން މާކްސް ލިބުނު ހަ ބައިވެރިންގެ ތެރޭގައި ހިމެނިގެންނެވެ.

އޭނާ އަށް މި ހިސާބަށް މި ފަހަރު މި އާދެވުނީ މޯލްޑިވިއަން ބާއްވަން ފެށި ފަހުން ކޮންމެ ސީޒަނެއްގައި ވެސް ބައިވެރިވެ، ތިއޭޓާ ރައުންޑާ ހިސާބުން ވަކިވެގެން ދާން ޖެހުން ތަޖުރިބާ ކުރުމަށް ފަހު އެވެ.

އަޒަލްއާ އެކު މިރޭ ގާލާ ރައުންޑުން ޖާގަ ހޯދި އަނެއް ފަސް ބައިވެރިންނަކީ ޝާން، މުނާޒް، މައީޝާ، މުރްޝިދް، އަދި ރައިހާން އެވެ. މިރޭ ގާލާ ރައުންޑުން ޖާގަ ނުލިބި ވަކިވާން ޖެހުނީ ނިޝްފާ މުސްތަފާ އާއި އަހުމަދު އިޝާމް އެވެ.

ބާކީ އަނެއް 8 ބައިވެރިން ޕިއާނޯގެ ދެވަނަ ރައުންޑްގައި ލަވަތައް ހުށަހަޅައި ދޭނީ އަންނަ ހަފުތާގަ އެވެ. އެ ބައިވެރިންނަކީ ސައިނާ، ތަސްލީމް، ޝަމީލް، ނައުޝާ، ސަލްވާ، ޝަހްދާން، ނާޒިހް، އަދި އިޝާން އެެވެ.