Last Updated: June 12, 20:40
Friday, June 12, 2026
ކުޅިވަރު

ރޮނާލްޑޯގެ 300 ވަނަ ގޯލާއެކު ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ގެޓަފޭ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 1-3 އިން ރެއާލް ކާމިޔާބުކޮށްފިއެވެ. މިމެޗުގައި ރެއާލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާ ސްޕެނިޝް ލަލީގާގައި ޖެހި 300 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ގެރެތް ބޭލް ރެއާލްއަށް ލީޑު ނަގާދީފައިވާއިރު ރޮނާލްޑޯ ވަނީ ހާފު ނިމެން ކައިރި ވެފައިވަނިކޮށް ލީޑު ފުޅާކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ގެޓާފޭގެ ލޮރިކް ރެމީއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ، ދަނޑުން ފޮނުވާލާފައެވެ. ނަމަވެސް ގެޓާފޭއިން ވަނީ މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ގޭމުގެ ތެރެއަށް ވަދެގެންފައެވެ.

ރޮނާލްޑޯ އޭނަގެ ދެވަނަ ލަނޑު 78 ވަނަ މިނެޓުގައި ޖަހާފައިވާއިރު އެހިސާބުން ޒިދާންގެ ޓީމަށް ވަނީ ތިން ޕޮއިންޓު ކަށަވަރު ވެފައެވެ. ރޮނާލްޑޯ ލަލީގާގައި 300 ގޯލު ޖަހާފައި މިވަނީ 286 މެޗު ކުޅެގެންނެވެ. މެސީއަށް 300 ލަނޑު ޖެހިފައިވަނީ 334 މެޗަށް ފަހުގައެވެ.