ގާސިމްގެ މިކްލިއްޔާތާއި ހުރިހާ ދަރިން ހައްޔަރު ކުރި ނަމަވެސް އިސްލާހީ މަސައްކަތުން ދުރަށް ވަޑައިނުގަންނަވާނެކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިސްލާހީ ހަރަކާތް ދޫކޮށް، "އަމާން ދެއްވައި" ގާސިމް ދުރަށް ވަޑައިގެންނެވި ކަމަށް އިއްޔެ ބޭއްވި ޕީޕީއެމް ނޫސް ކޮންފަރެންސްގައި ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުﷲ އަބްދުއް ރަހީމް ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ ފުލުހުން މިހާރު ހައްޔަރު ކޮށްފައިވާ ގާސިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް އާއި ދެން ތިއްބެވި ހުރިހާ ދަރިން ހައްޔަރު ކުރި ނަމަވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށެވެ.
ގާސިމް ވިދާޅުވީ މިމަހުގެ 16 ވަނ ދުވަހު ބިޔަ އެއްވުމެއް އޮންނާނެކަމަށާއި، އަތޮޅު ތަކާއި ރަށް ތަކުން މުޒާހަރާއަށް މާލެ ވަޑައިގަތުމަށެވެ.
ގާސިމް ވިދާޅުވީ އެއްވުމަށް ހިނގާނެ ހަރަދަކާއި މެދު ވިސްނަވާކަށް ނުޖެހޭނެކަމަށެވެ.
ޕީޕީއެމްގެ ފަރާތުން މިހާރު ބާއްވަމުން އަންނަ ސިލްސިލާ ނޫސް ކޮންފަރެންސް ތައް އަމާޒުކޮށްފައި ވަނީ މުޅިންވެސް ގާސިމް އިބްރާހިމްއަށެވެ. އެގޮތުން ގިނަ ނޫސް ކޮންފަރެންސް ތަކުގައި ގާސިމް ދައުލަތަށް ދައްކަން ޖެހޭ 2.6 ބިލިއަން ރުފިޔާ ހުރިކަމަށާއި އެ ފައިސާ ދެއްކުމަށް އަބްދުއް ރަހީމް ގޮވާލައްވައެވެ.