Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އިއްޒުއްދީން ފާލަމާ އުޅަނދުތައް ގާތް ނުކުރޭ: ހައުސިން

އިއްޒުއްދީން ފާލަމާއި އެމްއެމްއޭ ސަރަހައްދަށް އާންމު އުޅަނދުފަހަރަށް ކައިރި ކުރުން ސަރުކާރުން މަނާކޮށްފި އެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އިއްޒުއްދީން ފާލަމާއި އެއް ނަންބަރު އަދި ދެ ނަންބަރު ފާލަމަކީ ވިޔަފާރި އުސޫލުން ހިންގާ ބެލެހެއްޓުމަށް އެމްޓީސީސީއާއި ހަވާލުކުރެވިފައިވާ ފާލަންތަކެއް ކަމަށާއި، މިހާރަކަށް އައިސް ބައެއް އުޅަނދުފަހަރު ލަފާ ފުރުމުގައި އެ ސަރަހައްދުގެ ހުޅަނގަށްވާ އެއްގަމު ތޮށި ބޭނުން ކުރަމުން ގެންދާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް އޮންނަ ސަރަހައްދުގެ އެއްގަމު ތޮއްޓަށް އެއްވެސް އުޅަނދެއް ކައިރި ކުރުމަކީ މަނާކަމެއްކަން އަންގައި، އެކަން ނުކުރުމަށް ހަނދާންކޮށްދީފަ އެވެ.

އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވާފައިވަނީ 2015 ވަނަ އަހަރު އެވެ.

އިއްޒުއްދީންގެ ނަން މި ފާލަމަށް ދިނީ ސުލްތާން ހަސަން އިއްޒުއްދީން ނުވަތަ ދޮންބަންޑާރައިން ރާއްޖޭގެ މިނިވަންކަމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.