Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ދެކުނުގެ 64 އިދާރާއެއްގެ އޮޑިޓް ރިޕޯޓް ނެރެފި

* 64 އިދާރާގެ އާމްދަނީ ފައިސާގެ އަދަދު 76،965،257 ރުފިޔާއަށް އަރާ
* ޚަރަދުގެ ޖުމްލަ 707،671،782 ރުފިޔާ
* ދައުލަތަށް ދައްކަން ޖެހޭ 24،578،708 ރުފިޔާ މިނިސްޓްރީ އޮފް ފިނޭންސްއަށް ޖަމާކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ހަސަން ޒިއްޔަތު އޮޑިޓް ރިޕޯޓް ނެރެ ދެއްވަނީ، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

ދެކުނުގެ 64 އިދާރާއެއްގެ އޮޑިޓް ރިޕޯޓް ނެރެ އާއްމުކޮށްފިއެވެ.

ހިތަދޫގައި ގާއިމް ކޮށްފައިވާ ދެކުނު ސަރަހައްދީ އޮޑުޓް އޮފީހުގައި މިއަދު ރިޕޯޓް ނެރެ ދެއްވީ އޮޑިޓަ ޖެނެރަލް ހަސަން ޒިއްޔަތު އެވެ.

މި ރަސްމިއްޔާތުގައި އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ 2017 ވަނަ އަހަރަށް ޓާގެޓް ކުރި 77 އިދާރާގެ ތެރެއިން 2016 ވަނަ އަހަރު ނުނިމި އޮތް 5 އޮޑިޓާއި އެކު ޖުމްލަ 82 އޮޑިޓްގެ ތެރެއިން 64 އިދާރާއެއް އޮޑިޓްކުރެވި ނިންމާލެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ދެކުނުގެ ހަތަރު އަތޮޅަށް ނިސްބަތްވާ 21 ލޯކަލް ކައުންސިލަކާއި، 14 ސްކޫލާއި، 5 ހެލްތު ސެންޓަރާއި، 10 މެޖިސްޓްރޭޓް ކޯޓުގެ އިތުރުން 4 ފެމިލީ އެންޑް ޗިލްޑްރަންސް ސެންޓަރ އޮޑިޓްކޮށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން 1 އެއާޕޯޓާއި، 3 މިނިވަން މުވައްސަސާގެ ސަރަހައްދީ އޮފީހުގެ އޮޑިޓާއި، 1 ސްޕެޝަލް އޮޑިޓް ހިމެނެއެވެ.

ދެކުނު އޮޑިޓް އޮފީހުން މިއަދު ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން އޮޑިޓް ކުރެވުނު 64 އިދާރާގެ އާމްދަނީ ފައިސާގެ އަދަދު 76،965،257 ރުފިޔާއަށް އަރާއިރު ހަރަދުގެ ޖުމްލަ 707،671،782 ރުފިޔާއަށް އަރައެވެ.

އެރިޕޯޓްގައި ފާހަގަކޮށްފައިވާ މުހިއްމު ކަންކަމުގެ ތެރޭގައި ދައުލަތަށް ދައްކަން ޖެހޭ 24،578،708 ރުފިޔާ މިނިސްޓްރީ އޮފް ފިނޭންސްއަށް ޖަމާކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އިދާރާތަކުގެ އާމްދަނީގެ ގޮތުގައި 7،715،657 ރުފިޔާ ހޯދަން ޖެހިފައިވާ ކަމަށާއި، ފާއިތުވި އަހަރުތަކުގެ ބަޖެޓް ބާކީގެ ގޮތުގައި ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ޖެހޭ 4،074،588 ހުރިކަން ފާހަގަކޮށްފައިވެއެވެ.

އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ހިލާފަށް ދޫކޮށްފައިވާ 4،836،329 ރުފިޔާ ނުލިބިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

މި ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް ހަސަން ޒިއްޔަތު ވަނީ ސަދަން އޮޑިޓް އޮފީހުގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

އޮޑިޓް އޮފީހުން ވަނީ އެ އޮފީހުގެ ސީއެސްއާރް ހަރަކާތުގެ ތެރެއިން އޮޑިޓް އޮފީހުގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރުން އައްޑޫގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިއްޔެ އޮޑިޓް އޮފީސް ކުރިމަތިން ލިންކް ރޯޑު ސަރަހައްދުގައި 70 ދިވެހި ރުއް ވަނީ އިންދާފައެވެ.