Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ފާރިސްގެ ޝަހްސު ދައުވާގެ އަޑުއެހުން ކެންސަލް

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް، ފޮޓޯ: ރާއްޖެއެމްވީ

މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާކުރަނީ ފާރިސް ބައިވެރިވި ޕްރެސްކޮންފަރެންސެއްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ދިދަ ބޭނުންކުރި މައްސަލައެއްގައެވެ.

އެ މައްސަލާގައި މިއަދު މެންދުރު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތެރެއިން ހެކިބަސް ނަގާނެ ހެކިވެރިންނާ ބެހޭ ގޮތުން ދެ ފަރާތުން ވާހަކަ ދައްކަން ތާވަލްކުރި އަޑުއެހުމެކެވެ. އެ މައްސަލާގައި ފާރިސްގެ ފަރާތުން ހުށަހަޅާ ދިފާއީ ހެކިންގެ ލިސްޓު 47 އަށް އަރަ އެވެ.

ފާރިސްގެ ވަކީލުން ބުނީ އަޑުއެހުން ކެންސަލް ކުރިކަން ކޯޓުން އަންގާފައިވާ ކަމަށާއި އޭގެ ސަބަބެއް އަދި ސާފުނުވާ ކަމަށެވެ.

މިމައްސަލާގައި މީގެ ކުރިންވަނީ ދައުލަތުން ފާރިސްއާއި ދެކޮޅަށް ސިއްރު ހެކި ހުށައަޅާ ހެކިބަސް ނަގާފައިވާއިރު، ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްފައިވަނީ ޕީޕީއެމްގެ ހުއްދަ ނެތިކަމަށްބުނެ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީއެއްވެސް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށައަޅާފައެވެ.

ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިނުމާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް މިހާރުވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ.

ސްޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ފާރިސްވެސް ހިމެނިވަޑައިގަންނަވައެވެ.

ފާރިސްގެ އިތުރުން ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ވެސް ހުންނެވީ ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލުގައެވެ.