Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

އަދުހަމް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވާ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ދޫނިދޫ ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

އަދުހަމްގެ ގާނޫނީ ވަކީލް މައުފުޒު ސައީދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަދުހަމް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށާފައިވާ ކަމަށެވެ. އަދި އޭނާ ހަޅުތާލު ފެށީ ދަތެއްގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމަށް އެދުމުން އެފުރުސަތު ނުދިނުމުންކަމަށް މައުފޫޒު ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި އަދުހަމްގެ އާއިލީ ބޭފުޅަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ އަދުހަމްއަށް ދެ ފަަހަރެއްގެ މަތިން ކުނި ކާތަކެތި ގެންދިޔަ ކަމަށެވެ. އެގޮތުން އެއް ދުވަހަކު ކުނި މަސްހުނި ގެންދިޔަ އިރު އަނެއް ފަހަރު ގެންގޮސްފައިވަނީ ކުނި އަލަނާސިއެއްކަމަށް އޭނާ ބުންޏެވެ.

އަދުހަމްގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައެވެ.