ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މިނިސްޓަރު އޮފް ޖެންޑަ ފެމިލީ އެންޑް ހިއުމަން ރައިޓްސް ކަމުގެ މަޤާމަށް، އެޓާނީ ޖެނެރަލް ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޒާ ޢާއިޝަތު ޢާޒިމާ ޝަކޫރު އަދި މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމުގެ މަޤާމަށް ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަމީން އިބްރާހީމް އަދި އެޓަނީ ޖެނެރަލް ކަމުގެ މަޤާމަށް ޑެޕިއުޓީ އެޓަނީ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަލްއުސްތާޒާ ޢާއިޝަތު ބިސާމް ޢައްޔަން ކުރައްވައި، މި ތިން ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފި އެވެ.
މި ތިން ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، މި ތިން ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. ހުވާ ކުރެއްވުމަށް ފަހު ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި މިބޭފުޅުން ސޮއި ކުރެއްވި އެވެ.