އަންނަ ބުދަ ދުވަހު ޖަރުމަނުގެ ބާލިންގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާގައި ބައިވެރިވުމަށް ވިސާ ހޯދުމަށް ހުށަހެޅި ބައެއް ދިވެހިންނަށް ވިސާ ނުލިބުނީ ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމްގެ ސަބަބުންކަމަށް ވެރިކަން ކުރާ ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން އާދައިގެ މަތިން ބާއްވާ ނޫސް ކޮންފަރެންސްގައި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ފެއާއަށް ދިއުމަށް ދިވެހިންނަށް ވިސާ ނުދިނީ ގާސިމާ ހެދި ކަމަށެވެ.
ނިހާން ވިދާޅުވީ ޖަރުމަނުގެ އެމްބަސީން ދިވެހިންނަށް ވިސާ ނުދިނީ އެގައުމުން ފައިބައިގެން ނުދާނެތީކަމަށެވެ.
ގާސިމްއަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ ގާސިމް ޖަރުމަނުގައި މަޑުކުރި ގޮތަށް ދިވެހިން ޖަރުމަނުން ނުފައިބައި ތިބެދާނެކަމަށް ބުނެ ވިސާ ނުދީ ހިފެހެއްޓީކަމަށެވެ.
އައިޓީބީ ފެއާއަށް ދާ ދިވެހިންނަށް ވިސާ ދޫކުރުމަށް ފުރަތަމަ ނިންމީ ރާއްޖޭގައި ވަގުތީ ޑެސްކެއް ފޮރިން މިނިސްޓްރީގައި ގާއިމް ކުރުމަށެވެ. ނަމަވެސް ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކޮށް ކުއްލި ހާލަތު އިއްލާން ކުރުމުގެ ކުރިން ވިސާ ދޫކުރުން ވަނީ ހުއްޓާލާފައެވެ.