ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުއަށް ކޮންމެ ރެއަކު ދަންވަރު ގްރޫޕަކުން ވަދެ ބިރު ދައްކައި ޖެއްސުން ކުރަމުން އަންނަކަމަށް އެޕާޓީން ބުނެފިއެވެ.
ޖުމްހުރީ ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ސަމީރު ވިދާޅުވީ ކޮންމެ ރެއަކު ދަންވަރު ޕީޕީއެމްއަށް ނިސްބަތްވާ ގްރޫޕަކުން އެޕާޓީގެ ޖަގަހައަށް ވަދެ ބިރު ދައްކައި މާރާމާރީ ހިންގަމުން އަންނަކަމަށެވެ. އަދި މި މައްސަލަ ކޮންމެ ރެއަކު ފުލުހަށް ހުށަހެޅި ނަމަވެސް ފުލުހުންގެ ފަރާތުން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކޮށްދީފައި ނުވާކަމަށެވެ.
ސަމީރު ވިދާޅުވީ، އެ ގްރޫޕްގައި ޕީޕީއެމް ޖަގަހަތައް ބަލަހައްޓައި އެތަންތަނުގައި ހަރަކާތްތެރިވާ މީހުންނާއި ސަރުކާރުގެ ކޯޑިނޭޓަރުން ހިމެނޭކަމަށެވެ. އަދި ކޮންމެ ރެއަކު ދަންވަރު ޖެއްސުން ކުރުމަށްފަހު ފަތިހުވެސް އެގްރޫޕްތަކުން ޖެއްސުން ކުރަމުން އަންނަ ކަމަށެވެ.
ސަމީރު ވިދާޅުވީ އާއްމުން ގިނަ އަދަދަކަށް ޖަމާވާ ތަނަކަށް އަށެއްކަ މީހުންގެ ގްރޫޕަކުން ވަދެ ބިރު ދައްކައި ޖެއްސުން ކުރަމުން އަންނަ އިރު އެކަން ފުލުހުންނަށް ނުހުއްޓުވޭތީ ކަންބޮޑުވާކަމަށެވެ. އަދި މިކަމަކީ ފުލުހުންގެ މަދަދާއި އެކު ކުރިއަށް ގެންދާ ކަމެއްކަމަށް ސަމީރު ތުހުމަތު ކުރެއްވިއެވެ.
ޖުމްހުރީ ޕާޓީގެ ޖަގަހައަށް ބަޔަކު ޖެއްސުން ކުރަމުން އަންނަ އިރު ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ބާއްވާ ނޫސް ކޮންފަރެންސް ތަކުގައި ކުނޫޒު ސިފަކުރަނީ ސަރުކާރު ވައްޓާލުމަށް ރާވާ ކޮމާންޑް ސެންޓަރ ގޮތަށެވެ.