ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދު ކުރާ ލަންކާގައި ދިރިއުޅޭ ދިވެހިން މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާގައި ދިރިއުޅޭ ދިވެހިން މުޒާހަރާއަށް ނިކުންނާނީ މިމަހުގެ 6 ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކައިރިއަށެވެ.
ލަންކާގެ މުޒާހަރާ އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ޒުވާނަކު ބުނީ މުޒާހަރާގެ މަގްސަދަކީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވާތީ އެކަން ދިވެހި ސަރުކާރަށާއި ލަންކާ ސަރުކާރަށް އަންގައިދިނުމަށް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ލަންކާގައި މުޒާހަރާ ކުރުމަށް ނިންމާފައިވާ އިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ގިނަ އަދަދެއްގެ ސިޔާސީ އިސްވެރިން މިވަގުތު ދިރިއުޅެމުންދަނީ ލަންކާގައެވެ.
ލަންކާގެ ރައީސް ސިރިސޭނާ އާއި މަޖްލިސްގެ ރައީސްވެސް ވަނީ ރާއްޖޭގެ ކަންކަން ސުޕުރީމް ކޯޓުގެ އަމުރާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.