ސޮލަރެލް އިންޝުއަރެންސް އިން މުޅިން އަލަށް ގޭބީސީ އިންޝުއަރެންސް ތައާރަފްކޮށް، ގޭގައި ގެންގުޅޭ ހުރިހާ އެއްޗެއް އިންޝުއާ ކުރުމުގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.
ސޮލަރެލް އިން ތައާރަފްކުރި "ގޭބީސީ އިންޝުއަރެންސް" އިން ގޭގައި ގެންގުޅޭ ހުރިހާ އެއްޗެއް އިންޝުއާކޮށް، ހާދިސާއެއް ދިމާވެއްޖެނަމަ އެހެން ބައެއް ޚިދުމަތްތައްވެސް ލިބިގެންދާނެއެވެ. މިސާލަކަށް މިޕެކޭޖުގެ ދަށުން ގޭގައި ދިރިއުޅޭ ދެމީހެއްގެ ކާރު ނުވަތަ ސައިކަލު ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސުން ކަވަރު ކޮށްދޭނެއެވެ.
އަދި ހާދިސާއެއް ދިމާވުމުން ގޭގައި ގެންގުޅޭ ތަކެތި އެހެންތަނަކަށް ބަދަލުކުރުމާއި ހާދިސާއެއް ދިމާވުމުން އެހެން ތަނަކަށް ބަދަލުވެ ހަމަސް ދުވަހަށް ހުރުމުގެ ޚަރަދު ލިބޭނެއެވެ. ގޭގައި ގެންގުޅޭ މުދާ އެހެންތަނަކަށް ބަދަލުކުރުން 100،000ރ. އާ ހަމައަށް މިޕެކޭޖުން ކަވަރު ކޮށްދޭނެއެވެ. އަދި އެހެން ތަނަކަށް ބަދަލުވެ ހުރުމުގެ އަގު 20،000ރ. ގެ ރޭޓުން ހަމަސް ދުވަހަށް ކަވަރުކޮށްދޭނެއެވެ.

މީގެ އިތުރުން ހާދިސާއެއް ދިމާވުމުން އެގެއެއްގައި ދިރިއުޅޭ ކިޔަވާ ކުދިންގެ އެއްޗަކަށް ވާ ގެއްލުމުން 25،000ރ. އާ ހަމައަށް ކަވަރު ކޮށްދެވޭނެއެވެ. އަދި ހާދިސާއެއް ހިނގައި، މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ 100،000ރ. އާއި ހަމަ އަށް ކަވަރު ކޮށްދޭނެ އެވެ. ދިމާވާ ހާދިސާއަކުން މީހަކު މަރުވެއްޖެނަމަ އެއް މިލިއަން ރުފިޔާ ހަމައަށް ބަދަލު ދޭނެ އެވެ. މީގެ ތެރޭގައި އެޕާޓްމަންޓުގައި ދިރިއުޅޭ މީހުންގެ އިތުރުން މަސައްކަތު މީހުންނާ އެޕާޓްމަންޓުގައި މަޑުކޮށްލަން އައިސް ތިބޭ މީހުންގެ އިތުރުން ވެސް އެހެނިހެން މީހުން ހިމެނިގެންދާނެ ކަމަށް ސޮލަރެލް އިން މައުލޫމާތު ދީފައިވެއެވެ.
މި ޕެކޭޖުގެ ދަށުން ގުދުރަތީ ގޮތުންނާއި އަލިފާނުގެ ހާދިސާއަކުން ލިބޭ ގެއްލުންތަކާއި ފެން ލީކުވުމުން ލިބޭ ގެއްލުންތައް ކަވަރު ކޮށްދޭނެއެވެ. އަދި ވައްކަމެއް ކޮށްފި ނަމަވެސް ގަދަކަމުން ގޭ ތެރެއަށް ވަދެ ކުރާ ވައްކަމަކުން ގެއްލޭ އެއްޗިއްސަށް ބަދަލު ދެވޭނެއެވެ. ނަމަވެސް ދޮރު ތަޅުނުލާ ހުރުމުގެ ސަބަބުން އެ އެއްޗެއް ވަގަށް ނަގައިފި ނަމަ އެފަދަ ހާލަތެއްގައި ގެއްލޭ އެއްޗަކަށް ބަދަލު ނުލިބޭނެއެވެ.