Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ވެލި ނަގާ ނަމަ ފިޔަވަޅު އަޅާނަން: އައްޑޫ ކައުންސިލް

އިސްމެހެލާހެރަ އާއި ކެޑަވާހެރަ އިން ވެލި ނެގުމަކީ މަނާ ކަމެއް ކަމަށާއި އެކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އައްޑޫ ސިޓި ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ ހުޅުމީދޫ ކައިރި އޮންނަ އެ ދެ ރަށަކީ އަކީ ޖުލައި، 3، 2017 އިން ފެށިގެން 50 އަހަރަށް ފަތުވެރިކަމުގެ މަސައްކަތަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ސައުތު ޕާމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވާ ރަށްތަކަކަށްވާތީ، އެ ރަށްތަކުގެ ފަޅުން އެއްވެސް ބޭނުމެއްގައި ވެލި ނެގުމާއި، މަސް ހިފުން އަދި ފަތުރުވެރިކަމުގެ މަސައްކަތަށް ދަތިވާ ފަދަ އެއްވެސް ކަމެއް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

އެހެންވެ މިފަދަ ކަމެއް ރައްޔިތުންގެ ތެރެއިން ބަޔަކު ކުރާ ނަމަ އެކަމެއް ހުއްޓުވުމަށް ޤަވާޢިދުން ފިޔަވަޅު އެޅޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކައުންސިލުން މިފަދަ ގޮތަށް ނޯޓިސް ނެރެފައި ވަނީ އިސްމެހެލާހެރަ ކެޑަވާހެރަ ސަރަހައްދުން ވެލި ނަގާ ކަމުގެ މައްސަލަތަކެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ. އަދި ވެލި ނަގައި، ޓްރަކަކަށް ބަރުކޮށްފައިވާ މަންޒަރުތަކެއް ފެންނަ ފޮޓޯތަކެއް ވެސް ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވި އެވެ.

އިސްމެހެލާހެރައަކީ މިހާރު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.