އާއިލީ ބައްދަލުވުންތަކަށް ފުރުސަތު ނުދޭތީ، ތަފާތު މައްސަލަ ތަކުގައި ޖަލަށްލާފައިވާ ސިޔާސީ ފަރާތްތަކުގެ އަނބިން މިއަދު ކަރެކްޝަނަލް ސާވިސްއަށް ގޮސްފިއެވެ.
ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އާއި ބައްދަލު ކުރެއްވުމަށް މިއަދު ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ އަނބިކަބަލުން އަފާފު އަބްދުލް މަޖީދު އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމްއާއި، ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާއާއި، ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިންގެ އަނބިކަނބަލުން ޝާދިޔާ އާދަމް ވަނީ ކަރެކްޝަނަލް ސާވިސްއަށް ގޮސްފައެވެ.
ނަމަވެސް އެތައް އިރެއްވީއިރު ވެސް ކަމިޝްނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އާއި ބައްދަލު ކުރެވޭ ގޮތް ނުވިއެވެ.
ކަރެކްޝަނުން ނިކުމެވަޑައިގެން ކުރީގެ ނައިބް އަހުމަދު އަދީބްގެ އަނބިކަބަލުން މަރިޔަމް ނަޝްވާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހެނދުނު 8 ޖެހީއްސުރެ ފެށިގެން ޝިހާން އާއި ބައްދަލު ކުރެެއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެބޭފުޅުންނާއި ބައްދަލު ކުރެއްވީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ދީދީ އެވެ.
އިބްރާހިމް ދީދީއާއި ހަތަރު ބޭފުޅުންވަނީ ވަކިން ބައްދަލުކޮށް ކަންބޮޑުވުން ހިއްސާ ކޮށްފައެވެ.
ނަޝްވާ ވިދާޅުވީ ޖަލުގައި ތިއްބެވި ބޭފުޅުންނާއި އާއިލާތަކާއި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމިޝްނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާން މަސައްކަތް ކުރައްވަމުންދާކަމަށް އިބްރާހިމް ދީދީ ވިދާޅުވިކަމަށެވެ. ނަމަވެސް އެކަން ހަމަޖެހޭނެ ތާރީހެއް އިބްރާހިމް ދީދީއަކަށް ބުނެ ނުދެވުނު ކަމަށް ނަޝްވާ ވިދާޅުވިއެވެ.
ކުއްލި ހާލަތު އިއްލާން ކުރެއްވި އިރު ކާނަލް ނާޒިމް ހުންނެވީ ގޭބަންދުގައެވެ. ނައިބް ރައީސް އަހުމަދު އަދީބް ހުންނެވީ ދޫނިދޫގައެވެ. އަދި ކުއްލި ހާލަތު އިއްލާން ކުރި ފަހުން އަދީބް ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.
ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުން ކަރެކްޝަނަށް މިއަދު ވަޑައިގެންނެވި އިރު އެކަނބަލުން ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާތަކަށް ނިކުންނަވަން ފައްޓަވާފައެވެ.