ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ރައީސް ޔާމީން އީސީގެ މެމްބަރުކަމުގެ މަގާމަށް ޝަރީފްގެ ނަން ފޮނުވުމުން މަޖިލީހުން ވަނީ ފާސްކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ. މިއަދު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި ނަން ދިރާސާ ކުރުމަށްފަހު ޝަރީފް ހާޒިރުކޮށް އިންޓިވިއުއެއް ކޮށްފައިވެއެވެ.
ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި ޝަރީފްގެ ނަން ފާސްކޮށްފައިވަނީ 77.3 ޕަސެންޓު މާކްސް ލިބިގެންނެވެ. ނަން ފާސްވާނީ މަދުވެގެން 75 ޕަސެންޓު މާކްސް ލިބިގެންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލައި، މެމްބަރު ކަމަށް ހޮވިފައެވެ. އޭނާއަކީ މިހާރު އެ ކޮމިޝަނުގެ ރައީސްއެވެ.