Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

އަދުހަމް ފަރުވާ އަށް މާލެ ގެންނަން އަންގައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ އެމްޑީޕީގެ އައްޑޫ ސިޓީ ދާއިރާގެ ރައީސް އަހުމަދު އަދުހަމްގެ ސިއްހީ ފަރުވާއަށް މާލެ ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ފުލުހުންނަށް އަންގައިފިއެވެ.

އަދުހަމްގެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި ހައްޔަރުކުރުމުގައި އަދުހަމްއަށް ފުލުހުން ވަނީ އަނިޔާކޮށްފައެވެ. އަދި އޭނާގެ ވަކީލު ހާމަކޮށްފައިވާ ގޮތުގައި ދޫނިދޫ ޖަލުގައި ހުންނެވި ޑޮކްޓަރު ވަނީ އަދުހަމަށް ފަރުވާ ދިނުމަށް ދެކޮޅު ހަދާފައެވެ. އަދި އެމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ކްރިމިނަލް ކޯޓާއި ހެލްތް މިނިސްޓްރީއަށް ވެސް ހުށައަޅާފައިވާ ކަމަށް އަދުހަމްގެ ވަކީލު، މަހްފޫޒް ސައީދު ވިދާޅުވެފައިވެއެވެ.

އަދުހަމް ވަނީ އޭނާ ސިއްހީ ފަރުވާއިން މަހްރޫމް ވެފައިވާތީ މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއްވެސް ފަށާފައެވެ. އަދި އޭގެ ސަބަބުން އެމްޑީޕީން ވަނީ ހިއުމަން ރައިސްޓްސް ކޮމިޝަނަށް އެކަން ހައްލުކޮށް ދިނުމަށް އެދި ތަކުރާރުކޮށް މައްސަލަ ހުށައަޅާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނާއި ކްރިމިނަލް ކޯޓު އަދި ހެލްތަށް ހުށައެޅި މައްސަލާގައި ވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ އަދުހަމް ދޫނިދޫ ކްލިނިކަށް ދެއްކުމުން އެ ކުލިނިކުގައި ހުރި ޑޮކްޓަރު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށާއި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް އިރުޝާދެއްވެސް ދީފައިނުވާ ކަމަށެވެ.

އަދި ރިހުން ކަނޑުވާ ބޭހެއް ދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް ޑޮކްޓަރު ކޮށްފައިނުވާ ކަމަށްވެސް އަދުހަމާ ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ. އަދުހަމްގެ އާއިލާއިން ވަނީ ދެފަހަރެއްގެ މަތިން ޖަލުގައި އަދުހަމަށް ކުނިވެފައިހުރި ކާއެއްޗެހި ކާންދީފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.