Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

މީރާގެ "ވާރު ޕޭ" އިން މުދަލު ޒަކާތް ދެއްކޭނެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މޮބައިލް އެޕްލިކޭޝަން "ވާރު ޕޭ" މެދުވެރިކޮށް މުދަލު ޒަކާތް ދެއްކޭނެ ގޮތް ހަދައިި އެވެ.

އެ ހިދުމަތް އިފުތިތާހު ކުރަން އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރައްމިއްޔާތުގައި "ވާރު ޕޭ" އެޕްލިކޭޝަން އިފްތިތާހުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރެވެ.

މިނިސްޓަރު ވިދާޅުވީ މި އެޕްލިކޭޝަންގެ ސަބަބުން އާންމުންނަށް މުދަލު ޒަކާތް ދަައްކަން އިތުރު ފަސޭހަވެގެން ދާނެ ކަމަށެވެ.

"ފަސޭހަކަމާ އެކީ މުދަލު ޒަކާތް ދެއްކިގެން ދާނެ،" ޒިޔާދު ވިދާޅުވި އެވެ. "ނަމާދާ ރޯދަ އާއި ހައްޖުގެ އަޅުކަމަށް ހުންނަ ޝައުގުވެރިކަން މުދަލު ޒަކާތް ދެއްކުމަށް ވެސް އުފައްދަން ޖެހޭ. މުދަލު ޒަކާތަކީ ރުކުނެއް،"

"ވާރު ޕޭ" އާ ބެހޭ ގޮތުން މީރާގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ އެ އެޕްލިކޭޝަނަކީ މުދަލު ޒަކާތް ދެއްކުމަށް ބޭނުން ކުރެވޭ ޒަމާނީ ހައްލެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރުގެ މާޗް މަހު އިސްލާމިކް މިނިސްޓްރީއާ މީރާ ދެމެދު ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން އެ އަހަރުގެ ޖޫން މަހު މީރާ މެދުވެރިކޮށް މުދަލު ޒަކާތް ދައްކަމުންދާ ކަމަށެވެ.