Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހެއް ޕީޕީއެމްއިން ހުށަހަޅައިފިއެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު ނަންބަރ 13/2010 ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)ގެ 4 ގެ ފަހަތަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

މިއިސްލާހު މަޖްލިސްއަށް ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާއަކީ ފަނޑިޔާރުންގައި ހުރުން ލާޒިމް ޝަރުތުތައް ބަޔާން ކުރާ މާއްދާއެވެ. އެމާއްދާގެ (ށ) ގެ 4 ގެ ދަށައް އިތުރު ބައެއް އިތުރުކުރުމަށް ޕީޕީއެމްއިން ހުށަހެޅިއިރު މިހާރު ހިމަނާފައިވާ ޝަރުޓުތަކަކީ:

1- މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހެއްކަމުގައިވުން؛
2- އުމުރުން 25 އަހަރުފުރިފައިވާ މީހެއްކަމުގައިވުން؛
3- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިށްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
4- ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން.

އަބްދުއް ރަހީމް މި އިސްލާހު ހުށަހެޅުއްވި އިރު ކުއްލި ހާލަތުގެ ދަށުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.

އަދި ދާދި ފަހުން ޕީޕީއެމްއިން ބޭއްވި ނޫސް ކޮންފަރެންސެއްގައި އަބްދުއް ރަހީމް ވަނީ އަބްދުﷲ ސައީދު އާއި އަލީ ހަމީދު ވަކިކުރެއްވުމަށް މަޖްލިސްއަށް ފޮނުއްވައިދިނުމަށް ގޮވާލާފައެވެ.

އަބްދުﷲ ސައީދު އާއި އަލީ ހަމީދުގެ މައްޗަށް ރިޝްވަތުގެ ތުހުމަތާއި، ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ތުހުމަތުވަނީ ކޮށްފައެވެ.