Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ޒަކަރިއްޔާ މަންސޫރު ބަންދެއް ނުކުރޭ: އެމްއެންޑީއެފް

ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ސިފައިންގެ ތެރޭގައި ބަންދުކޮށްފައިވާ ވާހަކަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ދޮގުކޮށްފިއެވެ.

ޒަކަރިއްޔާ މަންސޫރު ސިފައިންގެ ތެރޭގައި ބަންދުކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ޓްވީޓެއް ކުރައްވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ސިފައިންނާއި ފުލުހުން، ރައީސް ޔާމީނުގެ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންވަމުންދާނީތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހޭ ވަގުތުކަމަށެވެ. އަދި ޖެނެރަލް މަންސޫރަކީ ސިފައިންގޭގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި އެއް އޮފިސަރުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ކައުންޓަ ޓެރަރިޒަމް ސެންޓަރުގައި އިސްކޮށް އުޅުއްވާ ޒަކަރިއްޔާ މަންސޫރު، ހައްޔަރު ކުރި ވާހަކަ ދޮގު ކުރައްވައި އެމްއެންޑީއެފްއިން ބުނީ އެ މުއައްސަސާއާ ގުޅިގެން ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އެމްއެންޑީއެފްއިން ނުދެއެވެ.

ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުުރާއި ގުޅިގެން ބައެއް ސިފައިން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެ ތަފްސީލެއްވެސް އެމްއެންޑީއެފްއިން ހާމަ ނުކުރެއެވެ.