ސ. މީދޫގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު 3:15 ހާއިރު ހިނގި މިއެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު، ސ.މީދޫ ޕެރިސް އަބްދުﷲ އިބްރާހިމް ދީދީއަށް އަވަސް ފަރުވާ ދިނުމަށް މިހާރު ވަނީ ސ. ހިތަދޫ އަށް ފުރުވާލާފައެވެ.
މީދޫން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓް ހިނގީ އެރަށު ފެންނާމަގު ދިޔަ ސައިކަލެއް ހިޔަލީ ހިނގުމުން ނިކުތް ސައިކަލަކާއި ޖެހިގެން ކަމަށެވެ.
މި ހާދިސާގައި އަބްދުﷲ އިބްރާހިމް ދީދީގެ މޫނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ސ. ހުޅުމީދޫގައި ހުންނަ ސިއްހީމަރުކަޒުން އަބްދުﷲ އިބްރާހިމް ދީދީ ބެއްލެވި ޑޮކްޓަރ ވަނީ ބުނެފައެވެ. އެހެންވެ ވަގުތުން އިތުރު ފަރުވާއަށް ސީ އެމްބިއުލެންސްގައި ވަނީ ފުރުވާލާފައެވެ.
މިހާދިސާގައި ހިޔަލީ ހިނގުމުން ނިކުތް ސައިކަލް ދުއްވަން އިނީ ސ.މީދޫ ، ފީރޯޒްވިލާ ހަސަން މާހިރުއެވެ. މި ހާދިސާގައި ހަސަން މާހިރު އާއި އަބްދުﷲ އިބްރާހިމް ދީދީ ދުއްވި ސައިކަލްގެ ފަހަތުގައި އިން މީހާއަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވެއެވެ.