މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އިއްލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިހާތަނަށް 110 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ފަހުން ހައްޔަރު ކުރި މީހުންގެ އަަދަދު އޮޅޭ ގޮތަށް ފުލުހުން މައުލޫމާތު އާއްމު ކުރަމުންދާ ކަމަށެވެ.
"ފުލުހުންގެ އެކިއެކި ލިޔެކިޔުންތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށުގައިވާ މީސްމީހުންނާ ގުޅޭ ގޮތުން އާންމުކުރާ މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ހާމަ ކުރަމުންދާކަމީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެފަދަ ކަންކަން އެ މޭރުމުން ނުކުރުމަށް ރައީސް ޔާމީނަށާއި ފުލުހުންގެ މުއައްސަސާއަށް ގޮވާލަމެވެ." އެމްޑީޕީގެ ނޫސް ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ އަދަދަކީ 110 ކަމަށެވެ. އޭގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މީހުންގެ އަދަދު 36 އަށް އަރާފައި ކަމަށެވެ. އަދި އެ 36 މީހުން ތިބީ ރަހީންކޮށްފައިކަަމަށް ގަބޫލް ކުރެވޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން34 މީހަކު ދޫނިދީގައި ބަންދުކޮށް އެކަކު ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުރި އިރު ގޭބަންދުގައިވެސް އެކަކު ހުރިކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީންވަނީ ހައްޔަރުކޮށްފައިވާ ހުރިހާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާފައެވެ.